ރާއްޖޭގެ އެކި ހިސާބުތަކުގައި ޑޭންގޫ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގޫ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެދާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް އޭޕްރީލް އިން ޖުލައި މަހުގެ ނިޔަލަށް އެބަލި އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭތީ އެ ބަލި މަދުކުރުމަށް މުއައްސަސާތަކާއި ކައުންސިލުތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުން ގުޅިގެން ފިޔަވަޅު އެޅުން މުހިއްމު ކަމަށް އެ ބަޔާނުގައި ބުންޏެެވެ. 

އެކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް: 

  • ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކުރުމާއި ރަށުގައި ބަލި ފެތުރޭ މިންވަރު މޮނިޓާ ކުރުމާއި އެޗްޕީއޭއަށް ރިޕޯޓް ކުރުން.
  • ކައުންސިލްތައް: ޑެންގޫ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލައި، ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން.ީ
  •  ސްކޫލްތައް: ކޮންމެ ހަފްތާއަކު އެއްފަހަރު ސްކޫލްގެ ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމާއި ޑެންގޫއިން ރައްކާތެރިވުމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން.
  • ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓް އަދި އިންޑަސްޓްރިއަލް ރަށްތައް: ރަށުގެ އެކި ސަރަހައްދުތައް ހަފްތާއެކު އެއް ފަހަރު ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި ސާފުކުރުމާއި ޑެންގޫ އިން ރައްކާތެރިވުމާ ގުޅޭތުން މުވައްޒަފުން ހޭލުންތެރިކުރުން.
  • ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތައް: މަދިރި އުފެދޭ ތަންތަން ނައްތާލުމާއި އެ މަސައްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުން.
  • މީޑިއާ: ކަމާބެހޭ އިދާރާތަކުން ހިއްސާ ކުރަމުން ގެންދާ ޑެންގޫއާ ގުޅޭ މައުލޫމާތު ފެތުރުމާއި ރައްޔިތުން ހޭލުންތެރިކުރުން.ޫ
  • އާންމު ފަރުދުން: މަދުވެގެން ހަފްތާއަކު އެއް ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަތަކެތި ބަލާ ފަސްކޮށް މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި ޑެންގީ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުން.

އެޗްޕީއޭ އިން ބުނީ އެ އިދާރާއިން ވެސް ޑެންގޫ ކޮންޓްރޯލް ކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމާއި ޑެންގޫ ޖެހިއްޖެނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށް ބުންޏެވެ. 

އެޗްޕީއޭ އިން މިމަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޑެންގޫ ހުމުގެ 535 ކޭސް މިދިޔަ މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އެ އަދަދު ހުރީ 60 ގަ އެވެ. އާދަޔާ ހިލާފަށް ޑެންގޫގެ ކޭސްތައް އިތުރުވެފައިވާއިރު މިފަހުން ޑެންގޫ ބަލީގައި ހާލު ދެރަވި ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ.