ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީ އުވާލިޔަސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ގާނޫނީ ހުސްކަމެއް ނާންނަ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ކައުންސިލްތަކާއި ސިޓީސް މިނިސްޓްރީ އުވާލުމުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރަމުންދާ ކަމަށެވެ. 

އެ ވާހަކަތަކަށް ރައްދުދީ އެލްޖީއޭ އިން ނެރުނު ބަޔާނުގައި ބުނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ހިދުމަތްތައް ދޭން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެ އޮތޯރިޓީއަށް، ހަމަ އެ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލަން، ލާމަޒުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހުގައިވާ ގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާ އެކު އެ ކައުންސިލްތަކުގެ ދަށުގައި ހުރި ހުރިހާ މުދަލާއި ވަސީލަތްތައް އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައިވާ ކަން ވެސް އެ އޮތޯރިޓީން ފާހަގަ ކުރި އެވެ.

އަތޮޅު ކައުންސިލްތައް އުވާލި ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ގާއިމްކުރަން އެ އިސްލާހުން އިޚުތިޔާރު ދީފައިވާ ކަމަށާއި އެކަންކަން އެހެން ހުރުމުން، އަތޮޅު ކައުންސިލްތަކާއި ސިޓީސް މިނިސްޓްރީ އުވާލިޔަސް އެލްޖީއޭއަށް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޓީސް މިނިސްޓްރީ އުފެއްދުމުގެ ކުރިން އެލްޖީއޭއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާ މިނިސްޓަރަކީ ހޯމް މިނިސްޓަރެވެ.

މި ސަރުކާރުން ސިޓީސް މިނިސްޓްރީ އުފެއްދުމަށް ފަހު އެ މެންޑޭޓް ބަދަލުކުރެއްވީ އެ މިނިސްޓްރީގެ ދަށަށެވެ.