ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ވީރަން މޯލްޑިވްސް" އާ އެކު ޕާޓްނަރޝިޕެއް ގާއިމްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެއީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
އެ ޕާޓްނަރޝިޕްގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެސް "ވީރަން މޯލްޑިވްސް" ކުރިއަރުވަން ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. ވީރަން މޯލްޑިވްސް އިން ބާއްވާ ފުރަތަމަ ދުވުން އޮންނާނީ މި އަހަރު އެވެ.
އެއީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކާއި އަދި ޖަމިއްޔާ، ޖަމާއަތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ، ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭ، ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރަށް ދުވަންޖެހޭ ރިލޭ ރޭހެކެވެ.
އެއީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަ ކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން އަންނީ ގައުމީ ފެންވަރުގެ މަޝްރޫއުތަކާއި ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި ޒުވާނުން ބާރުވެރިކުރުވުން އަދި މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.