އައްޑޫ ސިޓީ ކައުންސިލަށް ސަރުކާރުން މި އަހަރު ދޫކުރާ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓުގެ ފައިސާ އިން އެ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބާ ގުޅިގެން ދެއްވި ރައްދެއްގަ އެވެ.
އައްޑޫ ލިންކު ރޯޑު އަލުން ހެދުމާ ގުޅޭ ގުޅޭ ގޮތުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވަނީ ސަރުކާރުން ކައުންސިލްތަކަށް ދޭ ފައިސާ އިން އެ ރަށްރަށުގައި ހުންނަ މެއިންޓަނެންސް މަސައްކަތްތައް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
"...އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެ އޮތީ ފެއިލްވެފައި ހެން،" މުއްތަލިބު ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން މޭޔަރު ނިޒާރު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް މި އަހަރު ދޫކުރާ ބްލޮކްގްރާންޓުން މުވައްޒަފުންގެ މުސާރަ ވެސް ނުދެވޭނެ ކަމަށާއި އެއީ އަދި ކަރަންޓާއި ފެން ބިލް ވެސް ނުހިމަނާ ކަމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލަކީ އާމްދަނީ އެންމެ ބޮޑަށް އިތުރުކުރި އެއް ކައުންސިލެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ވެހިކަލްތަކުގެ ފީ ކައުންސިލްތަަކަށް ލިބެން ފެށުމާ އެކު އެއީ ވެސް އިތުރު އާމްދަނީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރަށް ކައުންސިލްގެ ބިމުގެ ކުއްޔަށާއި އަދި އޭގެ އިތުރަށް ބިން ކުއްޔަށް ދީގެން އަޅުގަނޑުމެންގެ އާމްދަނީ 14 މިލިއަނުން 40 މިލިއަނަށް ބަދަލުކުރި ވާހަކައަކީ އަޅުގަނޑު އަބަދު ދައްކާ ވާހަކައެއް. އޭގެއިން އަޅުގަނޑުމެން އައްޑޫ ސިޓީގެ ލިންކު ރޯޑް މަރާމާތު މިކުރަނީ. އަދި އޭގެ އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރަނީ،" އައްޑޫ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް މިހާރު ވެސް އައްޑޫގައި ކުރާ ކަމަށެވެ.
"އެއީކީ ގްރާންޓުން ކުރާ ކަންތައްތަކެއް ނޫން. ގްރާންޓުން އަޅުގަނޑުމެންގެ ކައުންސިލްގެ މުވައްޒަފުންނަށް ވެސް މި އަހަރު މުސާރަ ނުދެވޭ،" ނިޒާރު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީ އަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.
އައްޑޫގައި މިހާރު އެންމެ ބޮޑު އަދި އެންމެ އުނދަގޫވެފައިވާ އެއް ކަމަކީ އައްޑޫ ލިންކު ރޯޑު ވަރަށް ބޮޑަށް ހަލާކުވެފައިވުން ކަމަށް ވާއިރު މިނިސްޓަރު މުއްތަލިބު ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ވިދާޅުވީ، އާރުޑީސީން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަަމަށެވެ.
މޭޔަރު ނިޒާރު ވިދާޅުވީ، ގަމުން ހިތަދުއާ ދެމެދު އޮންނަ އައްޑޫ ލިންކު ރޯޑުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައިވާތާ ދޮޅު އަހަރު ވާން ކައިރި ވެފައިވާއިރު އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުދާ ސަބަބު މިނިސްޓަރު ބައްލަވަންޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑޫ ލިންކު ރޯޑު މަރާމާތަށް ސިޓީ ކައުންސިލުން މިލިއަނުން ހަރަދު ކޮށްފައިވާ ކަމަށާއި އެކަމަކު އެ ތަން މިހާރު އޮތީ މަރާމާތު ކޮށްގެން ބޭނުންކުރެވޭ ހާލަތުގައި ނޫން ކަަމަށެވެ. އެހެންވެ، އަައްޑޫ ލިންކު ރޯޑު އަލުން ހެދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އެއާޕޯޓަށް ބަލާއިރު ނިމެމުންދާ އެއްވެސް ބިލްޑިންގަކަށް ކަރަންޓު ނުދެވޭ. ކަރަންޓު ނުދީގެން، ކަރަންޓު ނުލެވިގެން އެ އުޅެނީ ސަރުކާރުން އެ މަސައްކަތަށް އެއްބަސްވިއިރު ސަރުކާރުން ލާރި ހިމަނައިގެން ނޫން ގޮތަކަށް އެ ތަންތަނަށް ކަރަންޓު ލެވެން ނެތީމާ. އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮތް ކަމެއް،" މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދެވަނަ ދައުރު ކަށަވަރު ކުރައްވާފައިވާ ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ގިނަ ކަންކަން ނުނިމި ހުރީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ކަންކަން ކޮށްނުދީގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު ވަނީ މާލެ ސިޓީ ކައުންސިލަށް ވެސް ފާޑުވިދާޅުވެފަ އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވީމާ އެކަން ހައްލު ކޮށްދޭން ވެސް ޖެހެނީ ދައުލަތުން ކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލަށް ދައުލަތުގެ ބަޖެޓުން ދޭ ބްލޮކް ގްރާންޓްގެ ފައިދާއަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
"މަގެއް ހަލާކުވީމާ މަގަކަށް ކަމެއް ވީމާ ވެސް ދައުލަތުން މި ޖެހެނީ އެކަން ކޮށްލަދޭން. ކޮބައިތޯއޭ ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލަށް ދިނީމާ އޭގެ ފައިދާއެއް ކޮބައިތޯއޭ؟ ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ ރައްޔިތުންނާ ވާހަކަ ދައްކާ ބައެއްގެ ގޮތުގައި؟ ކޮން ކަމެއްތޯއޭ ކުރަނީ؟" މުއްތަލިބު ވިދާޅުވި އެވެ.
ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ބޭނުން ނުކުރާ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ އަހަރު އެކިއެކި ބައްދަލުވުންތަކުގައި ފާހަގަކުރެއްވި އެވެ.
ބ. އޭދަފުށީގައި މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ވާހަކަފުޅު ދައްވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން 2024 ގައި ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށެވެ.
"މި އަހަރު ވެސް މި ގޮތަށް [ބްލޮކް ގްރާންޓު ފައިސާ ރަށްރަށުގެ ބޭނުންތަކަށް ހަރަދު ނުކުރުން] އަދި ކޮންޓިނިއު ވަނީ، މި އޮގަސްޓަށް މި އައީ. މިހާރު ވެސް މި އަހަރަށް ދޫކުރި ބްލޮކް ގްރާންޓުގެ ތެރެއިން ވެސް ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ހަމަ ސޭވް ކުރަމުން އަންނަނީ،" ރައީސް މުއިއްޒު މިދިޔަ އަހަރު ވިދާޅުވި އެވެ.