ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތު އިތުރުކުރަން އިޖުތިމާއީ ކޮމިޓޓީން ނިންމުމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް(ކުޑޫ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރަން ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި ބިލެކެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ފުރަތަމަ އިސްލާހުގެ ބިލު މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބުމުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ބިލުގެ މަސައްކަތް ނިންމުމުގެ ސުންގަނޑި އަންނަ އޮގަސްޓް މަހާ ހިސާބަށް ފަސްކުރާށެވެ.

ސުންގަނޑި އެގޮތަށް ފަސްކުރަން ހުށަހެޅުއްވުމުން ކުޑޫ ވިދާޅުވީ މަޖިލީހާއި އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ނުދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މަޖިލީހުގެ މެންބަރުން (މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި) "82،000 ރުފިޔާ ނަގައިގެން ތިބެނީ މަސައްކަތްތަކެއް ކުރަން" ކަމަށެވެ. ބައެއް މަސައްކަތްތައް ހިތުހުރިހާ ވަރަކަށް ދިގު ދަންމާލައި، އަނެއްބައި މަސައްކަތްތައް ފަސް މިނިޓުން ނިންމުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތާ [އިޖުތިމާއީ ކޮމިޓީގައި] އެބަ އޮތް ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު، އެ ވެސް އޮތީ ހުއްޓިފައި. ކިޑްނީގައި ރިއްސާލަ ރިއްސާލަ ތިބި މީހުން އަދި ވެސް [އެ ހާލުގައި] ތިބީ. އަޅުގަނޑުމެން މިތަނަށް އައިސް ކޮމިޓީ އެލަވަންސް ހޯދަން ސޮއިކޮށްލާފައި ނުކުމެން މިދަނީ، އަޅުގަނޑު ހަމަ ކަންބޮޑުވަން،" ކުޑޫ ވިދާޅުވި އެވެ. 

މަޖިލީހުގައި ހުރި މުހިއްމު ބިލުތަކުގެ މަސައްކަތް މެންބަރުން "ހޭލާ ތިބެގެން ވެސް" ނިންމަން ޖެހޭ ކަމަށާއި އެއީ މެންބަރުންނަށް ފަސޭހަ ވަގުތެއްގައި ވަޑައިގެން ކުރައްވަން ހުރި މަސައްކަތްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ބޭނުންވަނީ މީތި [ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު]މިރޭ ހޭލާ ތިބެގެން ވެސް، މާދަމާ ތިބެގެން ވެސް ނިންމަން، އެއީ އަޅުގަނޑުމެންގެ ޒިންމާއެއް،" ކުޑޫ ވިދާޅުވި އެވެ. 

ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް އިޖުތިމާއީ ކޮމިޓީން މިއަދު އެ ބިލުގެ ސުންގަޑި ފަސްކުރި އެވެ. އޮގަސްޓް 31 އާ ހަމައަށް އިތުރުކުރަން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު މުއުތަސިމް އިބްރާހީމް ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ފާސްކުރީ ހަތް މެންބަރުންގެ ވޯޓުންނެވެ. 

ކުޑޫގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ އިޖުތިމާއީ ކޮމިޓީން އެކިއެކި ބިލުތަކުގެ މަސައްކަތުގައި ވަރަށް ގިނަ ވަގުތު ހޭދަކޮށްފައިވާ ކަމަށާއި މެންބަރަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހެނދު  ފަށްޓައިގެން ގޮސް ބައެއް ދުވަސް ދުވަހު ހަމަ ހަވީރާ ހަމައަށް ހުންނާނެ އަދި ރޭގަނޑު ވެސް މަސައްކަތް ކުރެވިފައި ހުންނާނެ އިނގޭތޯ،" މުސްތަފާ ވިދާޅުވި އެވެ.

ކޮމިޓީން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެ މަސައްކަތްތައް ތާވަލް ކޮށްގެން ކުރިއަށް ގެންދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ހަފުތާއަކު ދެ ބައްދަލުވުން ބާއްވައިގެން ނަަމަވެސް ބިލުތައް ނިންމަން ކޮމިޓީން މަސައްކަތް ކުރާނެ އެވެ.