ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި 31 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހަނދާނީ ލިޔުން ދެއްވައިފި އެވެ.
މިއީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ހާފިޒުން ދަސްވެނިވި ރަސްމިއްޔާތެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި 19 ފިރިހެން ހާފިޒުންނާއި 12 އަންހެން ހާފިޒުން ދަސްވެނިވި އެވެ.
ރައީސް މުއިއްޒު މިރޭ މެޑަލް އެރުވި ހާފިޒުންގެ ތެރޭގައި ހިމެނެނީ މިދިޔަ ރޯދަ މަހުން ފެށިގެން މިރޯދަ މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް ހިފްޒު އިމްތިހާނު ކޮމެޓީއަށް ކިޔައިދީފައިވާ ހާފިޒުންނަށެވެ.
ހާފިޒުންގެ ތެރެއިން ރައީސްގެ މެޑަލް ހާސިލްކުރި ހާފިޒުންނަށް ވެސް މިރޭ ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވީ މިއީ ރާއްޖޭގައި އެންމެ ގިނަ ހާފިޒުން އެއްފަހަރާ ދަސްވެނިވާ އަހަރު ކަމަށެވެ.
ރާއްޖޭގެ ހާފިޒުންގެ އަދަދު 301 އަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ 139 އަންހެން ހާފިޒުންނާއި 162 ފިރިހެން ހާފިޒުންނެވެ.
އޭގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުންނާއި އެކި އިންސްޓިޓިއުޓްތަކުން 1،800 ދަރިވަރުން މިހާރު ވެސް ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވި އެވެ.