އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގެ ނަތީޖާއެއް ގޮތުން، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ހެދި މިއަދު ވެސް ރާއްޖެ އަށް އަންނަން އޮތް 19 ފްލައިޓެއް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދުއިރުމަތީގެ ހަނގުރާމަ ފެށީ އިއްޔެ ކަމަށް ވާއިރު އިއްޔެ ނުވަ ފްލައިޓެއް ކެންސަލްކުރި އެވެ. އޭގެ ސަބަބުން އިއްޔެ 1،716 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވައިގެ ދަތުރުފަތުރުތައް ކެންސަލް ކުރަނީ ހަނގުރާމައާ ހެދި މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުންނެެވެ.
މިއަދު ރާއްޖެ އަށް އަންނަން ޝެޑިއުލްކުރި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ މެދު އިރުމަތީގެ ގައުމުތަކުގެ ސިޓީތަކުން މާލެ އަންނަ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓްތަކެވެ. އޭގެ ތެރޭގައި އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ފްލައިޓް ހިމެނެ އެވެ. އެ ހުރިހާ ފްލައިޓެއް ވެސް ކެންސަލްކުރީ އެވެ.
އެމްއޭސީއެލުން ބުނީ، ފްލައިޓުތައް ކެންސަލް ކުރުމުން ފަސިންޖަރުންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރަން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ޑިސްރަޕްޝަން މެނޭޖުމަންޓު ސެންޓަރެއް" ގާއިމް ކުރުން ހިމެނެ އެވެ.
އެ ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ފަސިންޖަރުންނަށް ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޑޮމެސްޓިކް ޓާމިނަލް އެ މީހުން ބޭނުންކުރާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ކަމާ ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާ އެކު، ރޭގެ ނިޔަލަށް 130 ޕަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއޭސީއެލްގެ މީޑިއާ އިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކެންސަލްވާ ފްލައިޓުތަކަށް ހާއްސަ ކައުންޓަރުތަކެއް ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ބަހައްޓައިފަ އެވެ. އަދި ފަސިންޖަރުންނަށް އެހީތެރިވުމުގެ އިންތިޒާމުތައް ހަމަޖައްސަން އެކިއެކި އެއާލައިންތަކުގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.
"މި ހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ވިޒިޓް މޯލްޑިވްސް އާއި އެއާލައިންތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން މި އަންނަނީ ކުރަމުންނެވެ،" އެމްއޭސީއެލުން ބުންޏެވެ.
މި ހާއްސަ ހާލަތުގައި ވެސް ވެލާނާ އެއާޕޯޓުގެ އޮޕަރޭޝަނަށް ބަދަލެއް ނާންނަކަން އެމްއޭސީއެލުން ފާހަގަކުރި އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު، ރާއްޖެ އަށް އަންނަން ތިބި 30-35 ޕަސެންޓު އައުން ހުއްޓިދާނެ ކަމަށެވެ.