"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު އިތުރު 11 މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު ބިން ހޯދަން ހުށަހެޅި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ފަޒީލްގެ މައްޗަށް ކުރަނީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނައާއެކު އިތުރު އަށް މީހެއްގެ މައްޗަށް އެ ދައުވާ ވަނީ ދައުވާކޮށްފަ އެވެ. އެއީ؛
1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާއީ
2. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
3. ދަފްތަރު. ނަންބަރު ރސ 9044، އައިޝަތު މައުރޫފާ
4. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުހައްމަދު އާދަމް
5. ހއ. ދިއްދޫ ޖަމީލާ، އަބްދުލްމަޖީދު މާހިރު
6. މ. ވެސްޓްކޯސްޓް، ހުސައިން ޒާހިރު ޒައިނު
7. މ. ފަޅުމަތީގެ، އަޝްހަދު އަލީ
8. މ. ފަޅުމަތީގެ، އަހުމަދު އަލީ
އެ ދައުވާކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ކަމަށް ދައްކައި އަދި އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށް ސައްހަ ނޫން އެއްބަސްވުމަކާއި ރަޖިސްޓްރީއެއް ހުށަހަޅާފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އޭގެ އިތުރުން؛
ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ؛
- ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީގު އަބްދުالله: ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ހޯދަން އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅުމަށްފަހު ސައްހަ ނޫން ރަޖިސްޓްރީ އާއި އެއްބަސްވުން ހަދާފައިވުމުގެ ތުހުމަތުގައި
- ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިން: ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން ހެދުމުގެ ތުހުމަތު
އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ؛
- މ. ފަޅުމަތީގެ، އަރުޝަދު އަލީ: ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ ނ. ވެލިދޫ ޑޭޒީމާގެ، އަހުމަދު މާޒިންއާ ބައިވެރިވެގެން ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުންތަކެއް އުފެއްދުމުގެ ތުހުމަތު
އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލާގައި ފަޒީލްގެ ކޮއްކޮ އަދި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ތުހުމަތުތަކެއް ކުރެވުމުން އެ މައްސަލަ ވެސް ފުލުހުން ބެލި އެވެ. އޭނާގެ މައްޗަށް ކުރީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެކަމަކު، ޕީޖީން ވަނީ ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމައިފަ އެވެ.
އެ މައްސަލާގައި އަމާޒުވި ފާޑުކިޔުންތަކާ ހެދި ފަޒުލް ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.