މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ނުުފުރި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވި ޓޫރިސްޓުން ތިބެން ކުރީގެ ޑޮމެސްޓިކް ޓާމިނަލުން ޖާގަ ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭގައި އެއާޕޯޓަށް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވުމަށް ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނުފުރި ތިބި ޓޫރިސްޓުންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް އެމްއޭސީއެލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. 

ޓޫރިސްޓުން ނިދަން ތިބެން ސްލީޕިން ބޭގާއި ރާޖަގަނޑު ކަހަލަ އެއްޗެހި އެމްއޭސީލުން ރޭ ވަނީ ހަމަޖައްސައިދީފަ އެވެ.

"ކުރީގެ އައިލެންޑް އޭވިއޭޝަންގެ ލައުންޖު ހުޅުވައިގެން އެތަން ސާފުކޮށްފައި އެތަނުގައި ވެސް އާއިލާތަކަށް ތިބެވޭނެ ގޮތަށް ހަދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

އެއާޕޯޓުގައި ތާށިވި ޓޫރިސްޓުން ރޭގައި މަޑުކޮށްގެން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގަ އެވެ.

އެމްއޭސީއެލުން ވަނީ އެތަނުގައި ޓޫރިސްޓުންނަށް ނިދޭނެ އިންތިޒާމާއި ފެން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. 

މިނިސްޓަރު ތޯރިގު ރޭގައި ވިދާޅުވި ގޮތުގައި، މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރާ ގުޅިގެން ރާއްޖެ އިން ފުރަންދިޔަ 1،400 ޓޫރިސްޓުންގެ ފްލައިޓް ކެންސަލްވި އެވެ. 

"ބައެއް ޓޫރިސްޓުން ބޭނުންވީ އިތުރަށް ޓިކެޓް ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން. އަދި ބައެއް ޓޫރިސްޓުން ބޭނުންވީ، އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެގެން ވާގޮތް ބެލުމަށް ފަހު ކުރިއަށްދާން،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތު ދާއިރާގެ ހުރިހާ ސްޓޭކްހޯލަޑަރުންނާ އެކު ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން އިއްޔެ ފެށުމާ އެކު، މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުން ރާއްޖެއަށް އަންނަ ހުރިހާ ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ.