ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ރާއްޖެއަށް ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އަހުމަދު އަލީ އަށް އެ ފުޅިތައް ގެނައި ކުންފުނި ވިއްކާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މުހައްމަދު އާދިލްގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ ދެ މީހުންނަކީ ގދ. ތިނަދޫ ގޯލްޑަންހައުސް، މުހައްމަދު އާދިލް އާއި ހއ. ހޯރަފުށީ އާފިޔާ، އަހުމަދު އަލީ އެވެ.
އޭގެ ތެރެއިން މުހައްމަދު އަލީގެ ބަންދުގެ މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމަން މިމަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ބުނެފައިވަނީ ޗޮކްލެޓް ސިރަޕްފުޅި ތަކުގައި ޑްރަގް ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި އެތަކެއްޗާ ހަވާލުވާން ދިޔައީ މުދާ ކްލިއާކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.
ޑްރަގް ހުރި ފުޅިތައް އެތެރެކުރި "ރާސް މޯލްޑިވްސް" އަކީ އާދިލުގެ ކުންފުންޏެކެވެ. އެހެން ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެ ކުންފުންޏަކީ އުވާލުމުގެ މަރުލާގައި އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނި އަހުމަދު އަލީއަށް ވިއްކާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ނަމަވެސް އޭނާގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
އަހުމަދު އަލީ ހައްޔަރުކުރީ ޑިސެމްބަރު 26 ގަ އެވެ. އަދި އާދިލް ހައްޔަރުކުރީ ޑިސެމްބްރު 27 ވަނަ ދުވަހު އެވެ.
އާދިލް ބަންދުކުރަން ކޯޓުން އޭރު ނެރުނު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި އެތެރެކުރީ އޭނާގެ ކުންފުންޏެއް ކަމަށްވާ ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއްގެ ތެރޭގަ އެވެ. އާދިލްއަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ.
ރާސް މޯލްޑިވްސްގެ ނަމުގައި އެތެރެކުރި މުދާތަކުގެ ތެރެއިން ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެން ހަޝިޝް އޮއިލް އަޅާފައި ހުރި ސިރަޕްފުޅިތަކެއް ހުރި ކަން ކަސްޓަމްސް އަށް ފަޅާއެރީ އެ މުދާތައް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ފާސް ކުރިއިރު އެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.