އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ. 

މިއަދު އެކި ރަށްރަށުގައި ކުރިއަށްދާ މި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިރޭ 8:00 އާ ހަަމައަށެވެ. އެއަށްފަހު ވޯޓު ގުނައި ނަތީޖާ ފާޅުކުރުމުގެ މަސައްކަތް ކުރާނެ އެވެ. 

މިއަދު ކުރިއަށްދާ ޕްރައިމަރީގެ ވޯޓުގައި ރަށު ކައުންސިލްތަކުގެ އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު، ޖުމްލަ 129 މީހަކު ވާދަކުރެ އެވެ. 

އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށްރަށުން 15 މީހަކާއި މާލެއިން އަށް މީހެކެވެ.

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ފެންނަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށެވެ. އެ މަގާމަށް މިހާރުގެ މޭޔަރު އާދަމް އާޒިމްއާ ވާދަކުރައްވަނީ ކުރީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. 

ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިފަ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ހިމެނެ އެވެ. 

ހާއްސަކޮށް މާލޭގައި ކެމްޕެއިންގެ ވާދަވެރިކަން އިންތިހާއަށް އޮތްއިރު، ޕްރައިމަރީގައި ބަލި ވިޔަސް، ޓިކެޓު ކާމިޔާބުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އެދިވަޑައިގެންފަ އެވެ. 

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީގެ ވޯޓުގެ ކުރިން ޕާޓީގެ މެމްބަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޣަފޫރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިމޮކްރެޓިކް ހަރަކާތްތައް ހިންގާ ޕާޓީ ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރީ އެ ޕާޓީން ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ޣަފޫރު ވިދާޅުވީ ޕްރައިމަރީގެ ވޯޓުގައި ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ވޯޓުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.