ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގެ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭ "ބޯޑް އޮފް ޕީސް" އުފައްދައިފިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވައިފި އެވެ. 

"ބޯޑް އޮފް ޕީސް އުފައްދައިފިކަން އިއުލާނުކުރުމަކީ އަޅުގަނޑަށް ލިބޭ ބޮޑު ފަހުރެއް،" ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ. 

މި ބޯޑުގެ މެންބަރުންގެ ނަންތައް ވެސް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޓްރަމްޕު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އެކުލަވާލާ އެންމެ ވަރުގަދަ އަދި އެންމެ ޝަރަފްވެރި ބޯޑަށް ވާނެކަމާ މެދު ސުވާލެއް ނެތެވެ. 

ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭންގެ ދަށުން މި ބޯޑު ކަނޑައެޅިކަން އިއުލާނުކޮށްފައި މި ވަނީ ޣައްޒާއިން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނެސް ޣައްޒާ ހިންގުމާ ހަވާލުވާނެ 15 މެންބަރުންގެ ވަގުތީ ކޮމިޓީ ވެސް ކަނޑައަޅައިފިކަން މިސްރުން އިއުލާނުކޮށްފައި ވަނިކޮށެވެ. 

ޣައްޒާގެ ހިންގާ ކޮމިޓީ މަސައްކަތްކުރާނީ ޓްރަމްޕުގެ ދަށުން ހިންގާ "ބޯޑް އޮފް ޕީސް" ގެ ބެލުމުގެ ދަށުންނެވެ. 

މި ބޯޑާއި ކޮމިޓީން ޣައްޒާގެ ކަންކަމާ ހަވާލުވުމާ އެކު ބައިނަލްއަގުވާމީ ފައުޖަކުން ޣައްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފެށުން ވެސް އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައިވެ އެވެ. 

"ކޮމިޓީ ބާރުވެރިކުރުވުމުގެ ޒިންމާ މިހާރު އޮތީ ސުލްހަޔަށް ޔަގީންކަން ދިން އެމެރިކާ އަދި ބައިނަލްއަގުވާމީ މުޖުތަމައުއަށް،" ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ ބައްސިމް ނާއިމް ވިދާޅުވި އެވެ. 

ޣައްޒާގައި އިޒްރޭލުން ހަމަލާދީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެ މިލިއަން މީހުން ބަނޑަށް ޖައްސައި އިމާރާތްތައް ބިމާ ހަމަކޮށްލި ފަހުން ސުލްހައިގެ އެއްބަސްވުން ހެދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. 

ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް އިޒްރޭލުން ޣައްޒާއިން 451 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.