އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ވާދަކުރަން ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) މިއަދު ބުނެފި އެވެ.

އިންތިހާބާ ބެހޭ މަރުކަޒުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީސީގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން ހުށަހެޅުމުގެ ފުރުސަތު ހޮނިހިރު ދުވަހުން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމަ އަށް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް، ޑިޖިޓަލްކޮށް އެޕްލިކޭޝަން ހުށަހަޅާ ގޮތަށް އޮތް ނަމަވެސް އެޕްލިކޭޝަން ހުށަހެޅޭނެ ވަކި ވަގުތުތަކެއް، އިދާރީ ބޭނުމަށްޓަކައި ކަނޑައަޅާފައި ވާ ކަމަށެވެ.

ފޯމު ހުށަހެޅޭނީ އޭނާ ވިދާޅުވި ގޮތުގައި ހުުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 3:30 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 3:30 އިން ފެށިގެން 6:00 އަށެެވެ.

"މިދެންނެވި ވަގުތުގައި ނޫނީ ސަބްމިޓެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގެ ހުރިހާ ކަމެއް މިފަހަރު ކުރިއަށް ގެންދާނީ ޑިޖިޓަލްކޮށް، އިލެކްޝަންސް ކޮމިޝަނުގެ ސިމަދަ ޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނަށް އެ ޕާޓީތަކުގެ ރުހުން އޮތްކަން ކަށަވަރު ކުރުމާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަން ޖެހޭ ތާއީދުގެ ސޮއި ވެސް ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން އަޕްލޯޑްކުރުމުގެ ފުރުސަތު ކުރިއްސުރެ އޮތީ ހުޅުވާލާފަ އެެވެ. 

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒާހިދު ވިދާޅުވީ އެ ފުރުސަތު ހުޅުވާލި އެއް ބޭނުމަކީ އެ ނިޒާމުގައި އުނދަގޫތަކެއް ހުރިތޯ ބެލުން ކަމަށާއި ނަމަވެސް އެ ނިޒާމު އުނދަގޫ ވެގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އައި އިރު އަޅުގަނޑުމެންނަކަށް ފާހަގަކޮށްލެވޭ ވަރުގެ އުނދަގޫތަކެއް، އެކަހަލަ ޝަކުވާތަކެއް ނާދޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލާން ސޮއި ހަމަކުރަން އުޅޭ 300 ވަރަކަށް މީހުންގެ ތެެރެއިން ބައެއް މީހުންނަށް ކުދިކުދި އޮޅުންތައް އެރި ކަަމަށެވެ.

ޒާހިދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ކަނޑައެޅުމަށް ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ފެބްރުއަރީ މަހުގެ ދެވަނަ ހަފުތާގަ އެވެ.