ގިނަ ބަޔަކު ގޮވައިގެން ކ. މާފުއްޓަށް ދަތުރުކުރި ދޯނި ފެރީއެއް މިއަދު ފަރަށް އަރައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މެރިން ޕޮލިސްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ 72 މީހަކު ގޮވައިގެން މާފުއްޓަށް ދަތުރުކުރި ފެރީގެ އިންޖީނު ހުއްޓި، އެނބޫދޫ ފަރަށް އެރީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.
އެ ފެރީން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފެރީގައި ތިބީ 67 ޓޫރިސްޓަކާއި ތިން ދިވެއްސަކާއި ބިދޭސީ ދެ ފަޅުވެރިއަކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފެރީ ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މާލެ، ގުޅި، މާފުށި އަދި ގުރައިދޫއާ ދެމެދު، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކޮޅަކަށް އެއް ދަތުރު ކުރާ މި ދޯނި ފެރީއަކީ އަދިވެސް ގިނަ ބަޔަކު ދަތުރުކުރާ އަދި މުދާ އުފުލުމަށް ވެސް ބޭނުންކުރާ އެމްޓީސީސީގެ ފެރީއެކެވެ.