ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަން އިން ކުރި ދަތުރުތަކުގައި މެލޭޝިއާ އާއި ތައިލެންޑަށް 2،000 އަށް ވުރެ ފަސިންޖަރުން އުފުލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަން އިން ބުނީ، ގިނަ ފްލައިޓުތައް ދަތުރުކުރީ ފުލްކޮށް ކަމަށާއި އަދި އާންމުންގެ ބޮޑު ތަރުހީބެއް އެ ދަތުރުތަކަށް ލިބުނު ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަން އިން ބުނީ، އެ މުއްދަތުގައި އިންޓަނޭޝަނަލް އެހެން ރޫޓުތަކުގެ ފްލައިޓްތައް ވެސް އިތުރުކުރި ކަމަށެވެ. އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ވަނީ އިތުރު ފްލައިޓްތައް އަޅާފަ އެވެ.
އޭގެ އިތުރުން މޯލްޑިވިއަން އިން ވަނީ ސައުދީގެ ޖިއްދާއަށް ވެސް ހާއްސަ ދަތުރުތަކެއް ކޮށްފަ އެވެ.
ޕީކް ސީޒަންގެ ދުވަސްވަރަކީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކަށް ވެސް އެންމެ ބާރު ބޮޑު އެއް ދުވަސްވަރެވެ. މޯލްޑިވިއަން އިން ވަނީ 500 އަށް ވުރެ ގިނަ ޑޮމެސްޓިކް ދަތުރުތައް ކޮށްފަ އެވެ. ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭން ދަތުރުތައް އެ މުއްދަތުގެ ތެރޭގައި ވަނީ އިތުރުކޮށްފަ އެވެ.
ބޭރުގެ ދަތުރުތަކާއި ޑޮމެސްޓިކް ދަތުރުތަކުގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހުގެ ފެށިގެން މި މަހުގެ 31 އަށް މޯލްޑިވިއަން އިން ދަތުރުކުރާ 17 މަންޒިލަކަށް 3،700 އަށް ގިނަ ފްލައިޓް ދަތުރު ކުރާނެ ކަމަށް އެ އެއާަލައިނުން ބުނެފައިވެ އެވެ. އެ ފްލައިޓުތަކުން 197،000 މީހުންނަށް ދަތުރު ކުރަން ޖާގަ ލިބޭނެ އެވެ.