ފަންނީ ތަމްރީނު ހިލޭ ދިނުމަށް ބ. ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ގާއިމްކުރި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ބަންދުކޮށް އެތަން ސިފައިންގެ މަރުކަޒަކަށް ހަދައިފި އެވެ. 

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބުރު ގެންދާނީ ކިހާދޫ ސިފައިންގެ މަރުކަޒުގައި ކަމަށެވެ.

އެ ރަށުގައި ހިންގާ ޓިކެވް ސެންޓަރު ސަރުކާރަށް ހަދިޔާކުރުމުން އެއީ ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. 

ޑީސަލާއި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަނާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތައް ހިންގަން ޓިވެކްގެ ނަމުގައި ބޮޑު މަރުކަޒެއް ހުޅުވީ އޮގަސްޓް 9، 2018 ގަ އެވެ.

ނަމަވެސް، ހިލޭ ސާބަހަށް ހިންގަމުން ދިޔަ ދެ ލައްކައަށް ވުރެ ބޮޑު އަކަފޫޓުގެ ބިމުގައި ހެދި ސެންޓަރު ވަނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ބަންދުކޮށްފަ އެވެ. 

އެ ރަށު ކައުންސިލުން ވާހަކަދެއްކެވި މެމްބަރަކު ވިދާޅުވީ، ކޮވިޑު ތެރޭގައި އެ ތަން ވަގުތީގޮތުން ބަންދުކުރުމަށްފަހު ވެސް އަލުން ތަމްރީނުތައް ދޭން ފެށި ކަމަށެވެ.

ތަމްރީނު ހަދާ ޒުވާނުންނަށް ސެންޓަރުގެ ތެރޭގައި ދަނާލެއް ހަދާފައިވާއިރު، ކެއުން ވެސް ހަމަޖައްސައިދެމުން ދިޔައީ އެ ފައުންޑޭޝަނުންނެވެ.