މިމަހު ބާއްވާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންތަކެއް އިިސްވެ އުފައްދާފައިވާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ޑރ. އިކްރާމް އަބްދުއްސައްތާރު އިތުރުން އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އެވެ.

އެ ޕާޓީގެ މިހާރުގެ ލީޑަޝިިޕުން މަކަރު ހަދާނެ ކަމަށް ތުހުމަތުކޮށް، އީ-ވޯޓިން ހުއްޓުވައި ދިނުމަށް އެދިވަޑައިގަތީ އެ މަގާމަށް ކުރިމަތިލެއްވި ޑރ. އިކްރާމެވެ. އޭނާ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އަދާލަތު ޕާޓީއަށް ވެސް ފޮނުވި އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝިފާން (ކ) އަދި އިކްރާމް
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝިފާން (ކ) އަދި އިކްރާމް

އޭނާ އީސީއަށް ފޮނުވި ސިޓީގައިވަނީ އޮންލައިންކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާނަމަ އަދާލަތު ޕާޓީގެ އޮފީހުގައި ތިބެ ވޯޓިން ސިސްޓަމާ ކުޅެ، ވޯޓުގެ މުޅި ނިޒާމުގެ ތެރެއަށް ވަދެ ވޯޓު ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެކަމާ ގުޅިގެން އަދާލަތުގެ އިންތިހާބު ކޮމެޓީގެ ރައީސް، އަލީ ރަޝީދު ސޮއި ކުރައްވާ މިއަދު އިކްރާމަށް ފޮނުވި ސިޓީއެއްގައި ބުނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީގެ ދުސްތޫރާއި އިންތިހާބަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

އެ ޕާޓީ އެތެރޭގައި ހަދާފައިވާ ގަވައިދު އޮތްގޮތުން ފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދަން ޖާގަ ނުދޭ ކަމަށް ވެސް ސިޓީގައިވެ އެވެ. އަދި އެ ޕާޓީގެ އިންތިހާބު ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަށް، މިނިވަން ކަމާއެކު ކަމަށާއި އެހެންވެ، ޕާޓީގެ މެމްބަރުންގެ މެދުގައި އިންތިހާބާމެދު ޝައްކު އުފެދޭނެ ގޮތަށް ވާހަކަ ނުދެއްކުމަށް އެދިފައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ އިކްރާމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ފުރިހަމަ ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

ނަމަވެސް އަދާލަތުގެ މިސްރާބު 2017 ވަނަ އަހަރުން ފެށިގެން ކަސިޔާރުވެ، ޕާޓީ އުފެއްދި އަސްލު މަގުސަދާ ހިލާފަށް ހިންގަމުން ގެންދާ ކަމަށް ގަބޫލު ކުރެއްވޭތީ، އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ މިހާރު ހައެއްކަ އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބުގައި އިކްރާމްގެ ރަނިންމޭޓަކީ މި ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ މުހައްމަދު މުއްތަލިބެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް ދެން ކުރިމަތިލެއްވި ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލު ކުރައްވާފައިވެ އެވެ.