ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓާ ގުޅިގެން މިހާތަަނަށް 315 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އަންނަ އޭޕްރީލް މަހުގެ 13 ގައި އޮންނަ އެ ދެ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކުރީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ. 

އީސީން މިރޭ ބުނި ގޮތުގައި އެ ލިސްޓާ ގުޅިގެން މިހާތަނަށް 315 ޝަކުވާއެެއް ލިބިފައިވެ އެވެ. 

އެ ކޮމިޝަނުން ބުނީ ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމުން ރަށްވެހިކަން ބަދަލުވެފައިވުމާއި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވުމުން އެ ނަން ރަޖިސްޓަރީން އުނިކުރުމަށް ލިބިފައިވާ ޝަކުވާތަކެއް ކަމަށެވެ. 

 އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް އޮންނާނެ އެވެ. 

އެހެންވެ އީސީން ވަނީ އެ މުއްދަތުގެ ތެރޭގައި އެންމެން ވެސް، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، އެ ރަޖިސްޓަރީގައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ. 

އީސީން ވަނީ ރަޖިސްޓްރީއަށް މީހަކު އިތުރުކުރާ ނަމަ ނުވަތަ ރަޖިސްޓްރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓްރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާ ނަމަ، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން އެދިފަ އެެވެ.

ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީތަކަށް ދީފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ވޯޓާސް ލިސްޓުގައިވާ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ބެލޭނެ އެވެ. އަދި ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ޖެހެނީ އެ ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.