ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމުގެ ދަށުން، އެ ސިޓީން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ގޮތުން ކަނޑައަޅާ ވަގުތީ ހިންގާ ކޮމިޓީގެ 15 މެންބަރުންނަށް އެންމެންގެ ރުހުން ލިބި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މިސްރުގެ ފޮރިން މިނިސްޓަރު ބަދްރު އަބްދުލްއާތީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ހުށަހަޅައި، ހަމާސް އާއި އިޒްރޭލުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކަނޑައަޅާ މި ކޮމިޓީއާ މެދު މަޝްވަރާކުރުމަށް، ސުލްހައިގެ މަޝްވަރާގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މިސްރަށް ވަފުދެއް ގޮސްފައިވާކަން ހަމާސް އިން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.
"މި އެއްބަސްވުމަށް ފަހު އަޅުގަނޑުމެން އުންމީދުކުރަނީ ވަރަށް އަވަހަށް މި ކޮމިޓީ އިއުލާނުކޮށް ... އަދި ޣައްޒާއަށް ކޮމިޓީ ފޮނުވައި ދުވަހުން ދުވަހަށް އެތަން ހިންގުމުގެ ކަންކަމާ ހަވާލުވެ ވެވޭނެ ކަމަށް،" އަބްދުލްއާތީ ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި ގާހިރާގައި ބޭއްވި ބައްދަލުވުމުގެ ބޭނުމަކީ ކޮމިޓީ އެކުލަވާލުމާއި އެ ކޮމިޓީގެ އޮޕަރޭޝަން މެކޭނިޒަމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.
ހަމާސްގެ އެހެން އޮފިޝަލަކު ކުރިން ވިދާޅުވި ގޮތުގައި ޣައްޒާގެ ހިންގާ ކޮމިޓީ ރަސްމީކޮށް އިއުލާނުކުރައްވާނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ރިޔާސީ ގަރާރަކުންނެވެ.
ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ނަމެއް އަބްދުލްއާތީ ހާމައެއް ނުކުރައްވަ އެވެ. އެކަމަކު ކޮމިޓީގައި އިސްކޮށް ހުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން ކަމަށް ބުނެ ފަލަސްތީނުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޕްލޭނިން އަލީ ޝާތު އާއި މިހާރުގެ ހެލްތު މިނިސްޓަރު މާޖިދު އަބޫ ރަމަދާންގެ ނަން އަންނަނީ ދައުރުވަމުންނެވެ.
މީގެ އިތުރުން ހަމާސްގެ ވަފުދުން ގާހިރާގައި ފަލަސްތީނުގެ އެހެން ފެކްޝަންތަކުގެ ލީޑަރުންނާ އެކު މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެއްބަސްވެފައިވާ ގޮތަށް، ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ރަފަހް ބޯޑަރު ހުޅުވުމާއި މިސްރުގެ ބޯޑަރު ސަރަހައްދުގައި ޖަމާވެ، މިހާރު ޣައްޒާއަށް އެތެރެ ނުކުރެވި ހުރި އެހީގެ ސާމާނު ވެއްދުމާ ބެހޭ ގޮތުން ވެސް މިސްރުގެ މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ހަމާސް އިން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި ޣައްޒާގައި ގާއިމުކުރާ ވެރިކަމެއްގައި ބައިވެރިވުމުގެ ވިސްނުމެއް އެ ޖަމާއަތަކުން މިހާރު ނުގެންގުޅެ އެވެ.
ޣައްޒާއިން 67،000 އަށް ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލި ފަހުން ހެދި އެއްބަސްވުމުގެ ދަށުން އެކުލަވާލި މި ކޮމިޓީ ހިންގާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވާފައިވާ ގޮތަށް، "ބޯޑް އޮފް ޕީސް" ގެ ދަށުންނެވެ. އެއީ ސީދާ ޓްރަމްޕުގެ ބެއްލެވުމުގެ ދަށުން ހިންގާ ބޯޑެކެވެ.