އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފި ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވުމާ އެކު އީރާނުން ޝަރީއަތްތައް އަވަސްކުރާނެ ކަމަށް ބުނެ ގޮންޖަހައިފި އެވެ.
އީރާންގެ ވެރިންނަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ބެލެވިފައިވާ ބިޔަ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށް މިހާތަނަށް ހާހަކަށް ވުރެ ގިނަ މަރާލާފައިވާ ކަމަށް އީރާންގެ އަމިއްލަ އެކި ޖަމާއަތްތަކުން ބުނެފައިވެ އެވެ.
އީރާން ސަރުކާރުން ބުނެފައިވާ ގޮތުގައި މުޒާހަރާތަކަށް ދެ ހަފްތާ ވެފައި ވަނިކޮށް މިހާރު ވަނީ މުޒާހަރާތައް ކޮންޓްރޯލް ކުރެވިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައި ތިބި ޖަލަކަށް ކުރެއްވި ޒިޔާރަތުގައި ޖުޑިޝަރީގެ ވެރިޔާ ގުލާމްހުސައިން މުހްސެނީ އިޖެއި ވިދާޅުވީ، މީހަކު މީހަކު އަންދާލައި، މީހެއްގެ ބޯ ބުރިކޮށްލައި، ތަނެއްގައި ހުޅުޖަހާފައިވާ މީހަކު ހުރި ނަމަ އެ މީހެއްގެ މައްޗަށް އަވަހަށް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އޭނާ ވަނީ މިފަދަ މީސްމީހުންގެ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް އަންގަވާފައި ކަމަށް އީރާންގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ދަންޖައްސައި މަރަން އުޅެފި ނަމަ އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
"އެމީހުން އެފަދަ ކަމެއް ކޮށްފި ނަމަ ވަރަށް ހަރުކަށި ފިޔަވަޅު އަޅާނަން،" އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާ ޓްރަމްޕު ވިދާޅުވި އެވެ.
"އެ މީހުން އެތައް ހާސް ބަޔަކު މަރަމުން ގޮސް އަދި މިހާރު މީހުން ދަންޖައްސަން އުޅޭ ކަމަށް ތި ބުނަނީ. ބަލަމާ ހިނގާ އެ މީހުން އެކަން ކުރުމުގެ ނަތީޖާއަކަށް ވާނީ ކޮން ކަމެއްކަން."
އީރާނުން ބުނީ މިއީ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ދައްކާ ބަހަނާއެއް ކަމަށެވެ.
އީރާންގެ އދ. މިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އެމެރިކާގެ ކުޅިގަނޑު މިފަހަރު ވެސް ފެއިލްވާނެ" ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ އީރާނަށް އަސްކަރީ ބިރު ދައްކައި އެތެރޭގައި ހަމަނުޖެހުން އުފައްދައި އަދި ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ވެރިކަން ބަދަލުކުރުމަކީ އެމެރިކާއިން ދެކޭ ބިލާހެއް ކަމަށެވެ.