އެމެރިކާގެ އަސްކަރީ ބައެއް ސިއްރުތައް 12،000 ޑޮލަރުގެ އަގަކަށް ޗައިނާއަށް ވިއްކިކަން އެމެރިކާގެ ކަނޑުގެ ސިފައިން ކުރީގެ އޮފިސަރެއްގެ މައްޗަށް ސާބިތުވެ 16 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި އެމްފިބިއަސް އެސޯލްޓް ޝިޕް ޔޫއެސްއެސް އެސެކްސްގެ މެޝިނިސްޓެއްގެ އެހީތެރިޔަކަށް އުޅުނު ޖިންޗާއޯ ވެއީ ޖަލަށްލީ އަސްކަރީ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ އާއި އުޅަނދުތަކުގެ ހަރަކާތްތަކާއި ޓެކްނިކަލް މެނުއަލްތަކާއި ހަތިޔާރުގެ ގާބިލްކަމާ ބެހޭ މައުލޫމާތު 2022 އާއި 2023 އާ ދެމެދު ޗައިނާގެ އިންޓެލިޖެންސް އޮފިސަރަކަށް ފޮނުވި މައްސަަލައިގަ އެވެ.
ވެއީ އެންމެ ފުރަތަމަ ހައްޔަރުކުރީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ޗައިނާއަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތަށެވެ.
މި ތުހުމަތު ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވީ 200 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
"އެމެރިކާގެ ކަނޑުގެ ސިފައިންގެ މި އޮފިސަރަކީ އޭނާގެ ގައުމަށް ޣައްދާރުވެ، އެމެރިކާގެ ގައުމީ ސަލާމަތް ނުރައްކަލަށް ހުށަހެޅި މީހެއް،" އެމެރިކާގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ވެއީ ރެކްރޫޓްކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ކުންފުނި، ޗައިނާ ޝިޕްބިލްޑިން އިންޑަސްްރީ ކޯޕަރޭޝަންގައި މަސައްކަތްކުރާ، ކަނޑުގެ ސިފައިން ހަރަކާތްތަކަށް ޝައުގުވެރިކަން ހުންނަ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކައިގެންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވަރަށް ޝައްކު ކުރެވޭ މީހަކާ ދިމާވެގެން އުޅޭ ކަމަށާއި ޗައިނާގެ ޖާސޫސުންގެ ރާޑަރަށް އަރާފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ ވެއީ ވަނީ އޭނާގެ އެކުވެރިއަކާ އެ ވާހަކަ ހިއްސާކޮށްފަ އެވެ.
އޮފިޝަލުން ބުނީ ވެއީ ހައްޔަރުކުރި ފަހުން އޭނާ ވަނީ ޓެކްނިކަލް އަދި އޮޕަރޭޓިން މެނުއަލްގެ އެތައް ސަތޭކަ ސަފުހާއެއް ޗައިނާގެ ޖާސޫސީ އޮފިސަރަށް 12،000 ޑޮލަރުގެ އަގަކަށް ވިއްކާފައިވާ ކަމަށް އެއްބަސްވެފަ އެވެ.
ވެއިއާ އެކު ހައްޔަރު ކުރި ސިފައިންގެ އެހެން މީހެއް ކަމަށްވާ ވެންހެންގް ޒާއޯ ވެސް ވަނީ މިފަދަ މައްސަލައެއްގައި ދައުވާކުރުމުން ކުށް އިއުތިރާފް ވުމުން، މިދިޔަ ހަފްތާގައި 27 މަސް ދުވަހށް ޖަލަށް ހުކުމް ކޮށްފަ އެވެ.