މަހުޖަނު އީލޮން މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އާއި އެކްސްއޭއައިއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މެލޭޝިއާގެ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފި އެވެ.
މި ފިޔަވަޅު އަޅަން ނިންމީ މެލޭޝިއަން ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން ބުނި ގޮތުގައި އެކްސްގެ އޭއައި ޗެޓްބޮޓް، ގްރޮކް އިން ބޭއަދަބީ ކޮންޓެންޓް އުފައްދާ މައްސަލައިގަ އެވެ.
ގްރޮކް އަކީ އެކްސް އާއި އެކްސްއޭއައިއާ އެއްކޮށް ވެސް ބޭނުންކުރެވޭ ހިދުމަތެކެވެ.
އެމްސީއެމްސީ އިން މިހާރު ވެސް ވަނީ ގްރޮކް އަށް މެލޭޝިއާއިން އެކްސެސް ނުވެވޭ ގޮތަށް ބްލޮކް ކޮށްފަ އެވެ. އާދައިގެ ޓެކްސްޓް ޕްރޮމްޕްޓަކުން، މީހުންގެ ފޮޓޯތައް ބަރަހަނާ މަންޒަރުތަކަށް ބަދަލުކުރެވޭ މައްސަލައިގައި ގްރޮކް އާއި އޭގެ ވެރިޔާ މަސްކަށް މުޅި ދުނިޔޭގައި ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެމްސީއެމްސީ އިން މިހާރު ވަނީ އެކްސް އާއި އެކްސް އޭއައިއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސޮލިސިޓަރުން ވެސް އައްޔަންކޮށްފަ އެވެ.
އެމްސީއެމްސީން ބުނީ އަންހެނުންނާއި ކުޑަކުދިންނާއި އެތައް ބައެއްގެ ފޮޓޯތައް، އެ މީސްމީހުންގެ ރުހުމަކާނުލައި ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބަރަހާ އަދި ބަދުއަހުލާގީ މަންޒަރުތަކަށް ގްރޮކް ބޭނުންކޮށްގެން ބަދަލުކުރާ އެތައް މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ އެތައް ކޮންޓެންޓެއް ނެގުމަށް މި މަހުގެ ތިން ވަނަ ދުވަހު އާއި އަށް ވަނަ ދުވަހު ވެސް އެކްސް އަށް އަންގާފައިވާނެ ކަމަށާއި އެކަމަކު އެ އެންގުމަށް އެކްސް އިން ތަބާވެފައި ނުވާ ކަމަށް އެމްސީއެމްސީން ބުންޏެވެ.
އެ އިދާރާއިން ބުނި ގޮތުގައި އެކްސްގެ އެތެރޭގެ އުސޫލުތަކާ ވެސް ހިލާފް ކޮންޓެންޓް ގްރޮކް އިން ގެންދަނީ އުފައްދަމުންނެވެ. އެހެންވެ، އެފަދަ ބޭއަދަބީ މަންޒަރުތައް އުފައްދަނީ ހިދުމަތް ބޭނުންކުރާ މީހުން ކަމަށް ވިޔަސް ކުންފުނިން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އެމްސީއެމްސީން ނެރުނު ބަޔާނުގައި ބުންޏެވެ.
މެލޭޝިއާގެ އަވަށްޓެރި އިންޑޮނީޝިއާއިން ވެސް އާދީއްތަ ދުވަހު ވަނީ ގްރޮކް ބްލޮކޮށްފަ އެވެ. އެހެންވެ މެލޭޝިއާ އާއި އިންޑޮނީޝިއާ އަކީ ގްރޮކް މަނާކުރި ފުރަތަމަ ދެ ގައުމަށް ވަނީ ވެފަ އެވެ.