އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.

އައްޑޫގައި އެންމެ ހަރަކާތްތެރި "މައިލޯ" ގްރޫޕަށް ނިސްބަތްވާ ނަދީމް މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހަށް ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އެވެ.

އެ އަމުރުގެ މައްސަލަ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހައްޔަރުކުރުމާ ހަމައަށް ހުރި ނަދީމްގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ހައި ކޯޓަށް ހުށަހެޅިއިރު، އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

އައްޑޫ ހިތަދޫގެ ޑްރަގް ބޮޑުން
އައްޑޫ ހިތަދޫގެ ޑްރަގް ބޮޑުން

އޮޕަރޭޝަން އަލިމަގުގެ ދަށުން ހިންގި އޮޕަރޭޝަންގައި ނަދީމްގެ އިތުރުން އެހެން ހަތަރު މީހަކު ވެސް އައްޑޫން ހައްޔަރުކުރި އެވެ. އެއީ ސ. ހިތަދޫ، ފަލާހު، ހާފިޒު ފައުޒީ، 31 އާއި ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހިމް ސިރާޖު، 43 އާއި ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28 އަދި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23 އެވެ.

ފުލުހުން ބުނީ، ފަސް މީހުން ހިމެނޭ އެ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މިދިޔަ މާޗު މަހު ފަށާފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.