މާރާމާރީ ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ފުލުހަކު ހައްޔަރުކޮށްފި އެވެ.

މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މި ފަހަރު ހައްޔަރުކުރީ ފުލުސް އޮފިސަރެއް ކަމަށްވާ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް އެވެ.

މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ މައުސޫމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ ދުވަސް ދީފަ އެވެ.

މައުސޫމަށް ކުރާ ތުހުމަތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އޭނާއާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމެއް ވެސް ނުބުނެ އެވެ.

މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި މިދިޔަ ހަފުތާ ވެސް ފުލުހަކު ހައްޔަރުކުރި އެވެ.

އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ހިތަދޫ، އަސަރީވިލާ، އަލީ މަނިކު، 43، އެވެ.

އަލީ މަނިކު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރުމާ އެކު މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާ އިން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.