މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ނަޝީދުގެ ވެރިކަމުގައި ޖުލައި، 2010 ގައި ރައީސް ޔާމީން ހައްޔަރުކޮށް، ކ. އާރަށުގައި ބެހެއްޓި މައްސަލާގައި ނަޝީދަށް ދައުވާކުރާ އެ މައްސަލައިގެ ޝަރީއަތް މާދަމާ އަށް ތާވަލް ކޮށްފައިވާއިރު ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގައި ރާއްޖެއިން ބޭރުގަ އެވެ. އެކަމަކު ނަޝީދު މިވަގުތު ހުންނެވީ ސްރީ ލަންކާގަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ތާވަލް ކޮށްފައި ވިޔަސް އެ މައްސަލަ މާދަމާ ކުރިއަށް ގެންދެވޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭތީ އެވެ.
ނަޝީދަށް ޓެރަރިޒަމްގެ އިތުރު ދައުވާއެއް ކުރިއިރު އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ ޖެނުއަރީ، 2012 ގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގަ އެވެ. އެ މައްސަލާގައި ނަޝީދު ޖަލަށް ލާން 2015 ގައި ހުކުމް ކުރިޔަސް، ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް އެމަނިކުފާނު ފޮނުވި ފަހުން އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ހިމާޔަތް ދޭން ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުން ރައީސް ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރަށް ވައްޓާލަން ރޭވި ކަމަށް ތުހުމަތުކޮށް ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމުން، އެމަނިކުފާނު ދޫކޮށްލަން އޭރުގެ ސުޕްރީމް ކޯޓުން އެންގުމުންނެވެ. އެ މައްސަލާގައި އެމަނިކުފާނަށް ބަދަލުދޭން ވެސް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.