ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ "ކުރަނގި އޮޕަރޭޝަން" މި ހަފްތާ ބަންދުގައި 13 ރިސޯޓެއްގައި ކުރިއަށް ދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މި މަހުގެ 13، 14 އަދި 15 ވަނަ ދުވަހު އެ މިނިސްޓްރީ އާއި ރިސޯޓުތަކުގެ 56 މުވައްޒަފަކާ އެކު 13 ރިސޯޓެއްގައި މި މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
އޭގެ ތެރެއިން 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ.
މި އޮޕަރޭޝަނާ އެކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑުތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހޯދުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.