ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ލިބިފައިވާ 600 އަށް ވުރެ ގިނަ ގޯތި ހަވާލުކޮށް 400 އަށް ވުރެ ގިނަ ގޯތީގައި ކަންމުޑި ޖަހައިފި އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ދިނުމަށް ހަމަޖެހިފައިވާ 1،408 ގޯތީގެ ތެރެއިން މިހާތަނަށް 624 ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 18 ގޯތި ހަވާލުކުރީ އިއްޔެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ގޯތިތަކުގެ އިން ވަކިކޮށްދިނުމަށްޓަކައި އެޗްޑީސީން އަންނަނީ ކަންމުޑި ވެސް ޖަހައިދެމުންނެވެ.
އެ ކުންފުނިން ބުނިގޮތުގައި، މިދިޔަ ހަފުތާގެ ނިޔަލަށް 486 ގޯތީގައި ކަންމުޑި ޖަހައި ވަނީ ނިމިފަ އެވެ. ބާކީ ގޯތިތަކުގައި ކަންމުޑިޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އިން 1،400 އަށް ވުރެ ގިނަ ގޯތި ދޫކުރާއިރު، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް 9،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
މި ސްކީމްގެ ދަށުން ގޯތި ދިނުމަށް ހިއްކަމުން އަންނަ ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އަދި އެއްކޮށް ނުނިމެ އެވެ.
ބިންވެރިޔާ ސްކީމަށް ހުޅުމާލެ އިން ހިލޭ ދޫކުރާ މި ބިންތަކުގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިދިޔަ މަހު އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއު ރިޕޯޓްގައި ވެ އެވެ.