ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅުނު ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި ބޭރު ފައިސާ ބަދަލުކުރުމުގެ ހަރަކާތުގައި ގަވައިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު ރޭގެ ހާއްސަ އޮޕަރޭޝަންގައި ބަންދުކޮށް، އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އެ އިދާރާ އިން ކުރި ޕޯސްޓުގައި، އެ މީހުންގެ ފޮޓޯ ވެސް އާއްމުކޮށްފައިވެ އެވެ. އެއީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅުނު ބިދޭސީންތަކެއް މިދިޔަ މާޗު 9 ގައި ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، ޑީޕޯޓު ކޮށްލާފައި ވެ އެވެ.
އެ ފަހަރު ހިންގި އޮޕަރޭޝަނުގައި ހަތް މީހަކު ހިފެހެއްޓި އެވެ.
އިމިގްރޭޝަނުން އޭރު ނެރުނު ބަޔާނުގައިވާ ގޮތުން އެއީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުންޏެވެ.