މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ ގިނަ އަދަދެއްގެ އުޅަނދު މިދިޔަ ތިން ދުވަހު ޓޯ ކޮށް، އެ މަގުތައް ފުލުހުން ހުސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކު ކޮށްފައި ހުރި 163 އުޅަނދެއް މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު އަދި އިއްޔެ ޓޯކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން 84 އުޅަނދަކީ ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށްޓާ ހަމައިން ފަތާ ޓްރެކާ ހަމައަށް ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އެއްޗެހި ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
ފުލުހުން ބުނީ ދެން ޓޯ ކުރި 79 އުޅަނދު ނެގީ އަމީނީ މަގުން ދަރުބާރުގެއާ ހިސާބުން ފެށިގެން އައިޖީއެމްއެޗާ ހަމައަށް، އަދި ސެނަހިޔާ ހޮސްޕިޓަލްގެ ދޮރުމަތިން ފެށިގެން ބޮޑުތަކުރުފާނު މަގުން މާގިރި ހޮޓަލާ ހަމައަށް ޕާކު ކޮށްފައި ވަނިކޮށް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މިހާތަނަށް ރަޖިސްޓަރީ ނުކޮށް ގެންގުޅޭ ވެހިކަލެއް ވެސް ޓޯ ކުރި ކަމަށެވެ. އެ ވެހިކަލް ބާއްވާފައި އޮތީ އިއްޒުއްދީން މަގުގަ އެވެ.
އުޅަނދުތައް އަލުން ޓޯ ކުރަން ފަށާފައިވަނީ މާލެ ސަރަހައްދުގައި ވެހިކަލްތައް ޓޯކުރުން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން ހުއްޓާލުމަށް ފަހު ދުވަސްތަކަކަކަށް ފަހުގަ އެވެ. އެ މަސައްކަތް އޭރު މަޑުޖައްސާލީ ޓޯ ކުރަން ބޭނުންކުރާ ވެހިކަލް ހޯދުމާއި ޓޯކުރާނެ ޖާގަ ހޯދުމުގެ ކަންކަން ކުރިއަށް ގެންދާތީ އެވެ.
މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ވެސް ޕާކު ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.