ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މި މަހު 23 ގައި ބާއްވާ ޕްރައިމަރީއަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތާ ބެހޭ އުސޫލެއް އެކުލަވާލާފައި ކަމަށެވެ.
"ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ 10ގެ ނިޔަލަށް ޕާޓީއާ ގުޅޭ މެމްބަރުންނަށް އެކަނި. ޕްރައިމަރީ ބާއްވާނީ މިމަހުގެ 23ގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 23 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަނާ ބައެއް އިތުރު ޕާޓީތަކުން ގުޅުނު ނަމަވެސް، މިހާތަނަށް ނިންމާފައި އޮތީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ފުރުސަތު ދިނުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި މި ކޯލިޝަނާ (ޕީޕީއެމް/ޕީއެންސީ)އާ ގުޅުނު އެމްޑީއޭ އަދި އެމްއެންޕީއާ އެކު އޭރު އެއްބަސްވުންތަކަކަށް އައި. ނަމަވެސް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާ ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމެވެ. ރިޔާސީ އިންތިހާބެކޭ އެއްގޮތަށް، މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.