ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް، ވަކިން ހާއްސަކޮށް "ދިވެހިރާއްޖޭގެ އަޑު" ތަރައްގީ ކުރެއްވުމުގައި އަގުހުރި ހިދުމަތްތަކެއް ކުރެއްވި ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) ގެ ނަމާ ގުޅުވައި ދިވެހިރާއްޖޭގެ އަޑުގެ ނަން ބަދަލުކުރައްވަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ތައުބީނުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، އެފަދަ ހިދުމަތްތެރި ބޭފުޅުންގެ ޒިކުރާ އަބަދުވެސް ޝުކުރުވެރިކަމާ އެކު އާ ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކު. އެ ތަނުގެ އެ މަރުކަޒުގެ ނަން ވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާން ޖެހޭނީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައިސަލް ވިދާޅުވި އެވެ.
އިބްރާހިމް މަނިކު ކޮށްދެއްވާފައިވާ ހިދުމަތްތައް ގުނައި އަދަދު ނުކުރެވޭ ކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެ އިހުލާސްތެރި ހިދުމަތްތައް ބަލައިގެން ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.
ނައިބު ރައީސް ވަނީ އެންމެ ފުރަތަމަ އިބްރާހިމް މަނިކާ ބައްދަލުވި ހަނދާން އާ ކުރައްވައިފަ އެވެ. އެ ހަނދާން އާ ކުރައްވައި ވިދާޅުވީ، ފުރަތަމަ ފަހަރަށް ބައްދަލުވި ނަމަވެސް އިހުސާސްވީ ކުރިން ފަށައިގެން ދަންނަ ބޭފުޅެއްގެ އިހުސާސް ކަމަށެވެ.
"ވަރަށް ސާދާ މިޒާޖުގެ ބޭފުޅެއް. އަޅުގަނޑަށް އިބްރާހިމް މަނިކު ފާހަގަކުރެވުނީ ވަރަށް ކަމަށް ކަމޭ ހިތްތަވާ އެ ކުރައްވަން ނިކުންނަންވާ ކަމެއް ވަރަށް ރަނގަޅަށް ކުރައްވާ ބޭފުޅެއް، ޒުވާނުންނަށް ޓަކައި ގައުމީ މަސައްކަތްތަކެއް ކުރައްވަން ތައްޔާރަށް ހުންނެވި ބޭފުޅެއްގެ ގޮތުގައި،" ފައިސަލް ވިދާޅުވި އެވެ.
އިބްރާހިމް މަނިކުގެ ހަނދާނުގައި އޭނާގެ ޅިޔަނު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވަނީ ވަރަށް ދިގުކޮށް މިރޭގެ ވާހަކަ ދައްކަވައިފަ އެވެ. އިބްރާހިމް މަނިކުގެ ކުރީގެ ދުވަސްތަކާއި އާއިލާއާއި ރަހުމަތްތެރިންނާއެކު ބޭއްވެވި ގާތް ގުޅުން އައްބާސް ފާހަގަކުރެއްވި އެވެ.
"އެއީ އާދަޔާ ހިޔާލު ބޭފުޅެއް. ގައުމީ ހިދުމަތުގައި އެކަންޏެއް ނޫން. އާއިލާގެ ޒިންމާ ވެސް އާއިލާގެ ހައްގުތަކުގައި ވެސް އާދަޔާ ހިޔާލު މަސައްކަތްތައް ވެސް ކުރެއްވި ބޭފުޅެއް އެއީ،" އިބްރާހިމް މަނިކުތެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި އައްބާސް ވިދާޅުވި އެވެ.
އިބްރާހިމް މަނިކަށް ކާފަ ވިދާޅުވާ ކުއްޖަކު ވެސް ވަނީ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ކާފަގެ ވާހަކަތައް ވީޑިއޯ މެސެޖަކުން މިރޭގެ ޖަލްސާގައި ކިޔައި ދެއްވައިފަ އެވެ.
ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާސިލްކުރައްވާފައިވާ އިބްރާހިމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.
އަހަރެއް ފަހުން ބޭއްވި ތައުބީންގެ ޖަލްސާގައި އިބްރާހިމް މަނިކުގެ އާއިލާގެ ބައެއް ބޭފުޅުންނާއި ރަހުމަތްތެރިންގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވި އެވެ.