މަރުވެފައި ހުރި ގިނަ އަދަދެއްގެ މަސް އުތުރުގެ ރަށްތަކަށް ލައްގާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
މަރުވެގެން ލައްގާ މަސްތަކުގެ ތެރޭގައި އެންމެ ގިނައީ ޓްރިގާ ފިޝް (ރޮނޑު) އާއިލާގެ މަސްތަކެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް "މިހާރު" އަށް ވިދާޅުވީ، ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކަށް ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގަމުންދާ މައްސަލަ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. މަސްތައް މަރުވާ ސަބަބު އީޕީއޭއަށް މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.
އެކަމަކު ނައީމް ވިދާޅުވީ އާއްމުކޮށް މަސް މަރުވަނީ ބައްޔަކުން ނުވަތަ ހޫނުވުމުގެ ސަބަބުން ކަމަށެވެ.
ރޮނޑުގެ އިތުރުން ފަރުމަހުގެ ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް އަތޮޅުތަކުގެ ރަށްރަށަށް މަރުވެގެން ވަނީ ލައްގައިފަ އެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ވެސް ވަނީ ގިނަ އަދަދެއްގެ މަސް މަރުވެގެން ބައެއް އަތޮޅުތަކަށް ލައްގައިފަ އެވެ. އެ ފަހަރު ގިނައަދަދެއްގެ މަސް މަރުވެފައިވަނީ މ. އަތޮޅާއި ދ. އަތޮޅުންނެވެ.
ނައީމް ވިދާޅުވީ އެ ފަހަރު މަސްތައް މަރުވާން ދިމާވި އަލްގޭއެއްގެ ސަބަބުން ކަމަށެވެ.