މަރަކެޝް (ސެޕްޓެމްބަރު 9) - މޮރޮކޯ އަށް 6.8 ގެ ބާރުމުގައި ބިންހެލުމެއް އައިސް 800 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މޮރޮކޯގެ މެދުތެރޭ ސަރަހައްދުގެ މަރަކެޝް ސިޓީ އަށް އައި ބާރުގަދަ އެ ބިންހެލުމުގައި މިހާތަނަށް މަރުވި ކަމަށް ކަށަވަރު ވެފައި ވަނީ 820 މީހުންނެވެ. އެ ގައުމުގެ ސްޓޭޓް މީޑިއާއިން ބުނީ 672 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ.
ޒަހަމްވި ގިނަ ބަޔަކަށް ލޭ ބޭނުންވާތީ ހޮސްޕިޓަލްތައް ކައިރީގައި ގިނަ ބަޔަކު ވަނީ ލޭ ހަދިޔާ ކުރުމަށް ކިޔު ހަދައިފަ އެވެ. މީހާތަނަށް 200 އަަށް ވުރެ ގިނަ މީހުން ލޭ ހަދިޔާ ކޮށްފައި ވެއެވެ. އަދި ވެސް ގިނަ އަދަދެއްގެ މީހުން ލޭ ހަދިޔާ ކުރުމަށް މޮރޮކޯގެ ސިއްހީ އިދާރާތަކުން ދަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.
މީހުން ސަލާމަތްކުރަން މަސައްކަތް ކުރާ ޓީމުން ބުނީ މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ މަތި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޮރޯކޯ އަށް އެހީ ވުމަށް އެންމެ ފުރަތަމަ އިސް ނެގި ގައުމުތަކުގެ ތެރޭގައި ފެބްރުއަރީ މަހު ބާރުގަދަ ބިންހެލުމަކުން ލިބުނު ގެއްލުމުން އަރައިގަންނަން މަސައްކަތް ކުރާ ތުރުކީ އާއި ހަނގުރާމައެއްގެ ނުރައްކަލުގައި އޮތް ޔޫކްރޭން ހިމެނެ އެވެ.