ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް އެއްބަސްވުންތައް ބަދަލުކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވާނެ އެވެ.

ރާއްޖެ އާއި ކެމްބޯޑިއާއިން ސިޔާސީ ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު 21، 1995 ގަ އެވެ. އެ ގުޅުމަށް މި އަހަރު 28 އަހަރު ފުރޭނެ އެވެ.