ތުހުމަތުތަކަކާ އެކު، ފުލުހުންގެ ހިދުމަތުގެ އިސް ސަފުން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް އަހުމަދު ޝުހާދު ޝަރަފުވެރިކަމާއެކު އެ ހިދުމަތް ރިޓަޔާކޮށްފި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޝުހާދު ހިމެނިވަޑައިގަންނަވަ އެވެ. ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ފަސް އޮފިސަރަކު ކޯޓަށް މައްސަލަ ހުށަހެޅިއިރު ޝުހާދުގެ ބައިވެރިވުމެއް ނެތެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު އިންޓާނަލް އެންގުމެއްގައި ބުނީ ފުލުހުންގެ ރިޓަޔަމަންޓް ގަވައިދުގެ ދަށުން، މިދިޔަ ޖޫން 30 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ޝުހާދު ރިޓަޔާކޮށްފައިވާ ކަމަށެވެ. އެކަމަކު، މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް ރިޓަޔާކުރުމުގެ ފުރުސަތު ދިން ގޮތެއް ސާފެއްނުވެ އެވެ.

އޮފިސަރުން މަގާމުން ވަކިކުރަން ނިންމި މައްސަލާގައި ސިވިލް ކޯޓުގެ މި މަހުގެ 21 ވަނަ ދުވަހު ނިމުނީ އޮފިސަރުންނާ އެއްކޮޅަށެވެ.

ކޯޓުގެ ނިންމުމުގައި ބުނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށް ފަހު ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.

ހުކުމުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުމެއް ކަމަށް ބުނެ ދައުލަތުން ކޯޓަށް ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ ރިޕޯޓުތަކަކީ އެ އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރީ ކަމަށް ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައިވެ އެވެ.

ނަމަވެސް ދައުލަތުން ވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.