ހޮރައިޒަން ފިޝަރީޒްގެ ބޮޑު ކެރޭނެއް ވެއްޓި ކަންނެލި ދޯނި ބިނދުމުން ހޮރައިޒަންގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމާ ބައްދަލުކުރީ، ދޯނި މަރާމާތުކުރަން ލޯނެއް ހޯދަން ކަމަށް، ދޯނީގެ ވެރިފަރާތުން މިއަދު ބުނެފި އެވެ.
ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮއްވާ ލ. ގަމު "މިޔަވާލި 4" ގެ މައްޗަށް ކެރޭނު ވެއްޓުމުން 80 ވަރަކަށް ފޫޓުގެ އެ ދޯނި ބިނދި، މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު އިންޖީނު ވެސް ވަނީ ހަލާކުވެފަ އެވެ. ތިން މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ލޯނެއް ނަގައިގެ މީގެ ހަތް މަސް ކުރިން ބަން ދޯނީގެ ލޯނަށް މަހަކު 75،000ރ، ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ޖެހޭ ކަމަށް ދޯނީގެ ވެރިޔާ އަޝްރަފް އަލީ ބުންޏެވެ.
އޭނާ ބުނީ ދޯނި އިންޝުއަރެންސްކޮށްފައި އޮތުމުން ގެއްލުމުގެ ބަދަލު ލިބޭނެ ކަމަށެވެ. އެކަމަކު އެ ފައިސާ ލިބެނީ އަލުން މަރާމާތުކޮށް، އަލުން މަސްވެރިކަމަށް ނިކުތުމުން ކަމަށާއި އެހެންވެ، ދޯނި މަރާމާތު ކުރަން މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަޝްރަފް ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ލ. މާންދު އަށް ގާސިމް ވަޑައިގަތުމުން އޭނާއާ ބައްދަލުކޮށް އެ ފައިސާ ހަމަޖައްސަވާތޯ ވަނީ ދަންނަވައިފަ އެވެ.
"ދޯނި މަރާމާތުކޮށް، އަލުން އޮޕަރޭޓް ކުރަން ފެށުމުން އިންޝިއުރަންސް ފައިސާ އަޅުގަނޑުމެންނަށް ލިބޭނެ. އެހެންވެ، މަރާމާތު ކުރުމަށް ގާސިމް އަތުން ނަގާ ފައިސާ އަޅުގަނޑުމެން އަނބުރާ ދޭނަން،" އޭނާ ބުންޏެވެ.
އެކަަމަކު ގާސިމް ވަކި ޖަވާބެއް އަދި ނުދެއްވާ ކަމަށް އަޝްރަފް ބުންޏެވެ.
އޭނާ ބުނީ އިންޖީނު މަރާމާތުކުރަން ހޯނޑެއްދޫގައި އޮއްވާ ދޯނި ހަލާކުވުމުން އާމްދަނީ ލިބޭނެ އިތުރު ގޮތެއް މިހާރު ނެތް ކަމަށެވެ.
"މިޔަވާލި 4" މިހާރު ވަނީ ގަމަށް ގެންގޮސްފަ އެވެ. ދޯނި މަރާމާތުކުރަން ފަސް ވަރަކަށް މަސް ނަގާނެތީ، ބޭންކާ ވާހަކަ ދައްކައިގެން، މިވަގުތަށް ލޯނު ސަސްޕެންޑް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް އަޝްރަފު ބުންޏެވެ.
ކެރޭނު، ކޮންޓްރޯލްނުވެގެން ދޯނި މައްޗަށް ވެއްޓުނު އިރު، އޭގައި ހަ މީހަކު ތިއްބެވެ. ކެރޭން ވެއްޓުމުގެ ކުރިން ޑްރައިވަރު ވަނީ އެއިން ފުންމާލައިފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ކެރޭން އަދިވެސް އޮތީ މޫދު އަޑީގަ އެވެ.