އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރެއް ބޭނުންކޮށްގެން، ގއ. ދާންދޫގެ ބިން ހިއްކައި އެ ރަށު ކައުންސިލާ ހަވާލުކޮށްފި އެވެ.
އެ ޑްރެޖަރު ބޭނުންކޮށްގެން ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މި އަހަރު ސެޕްޓެމްބަރު މަހު އެވެ. ބިން ހިއްކުން ރަސްމީކޮށް ފެށިއިރު ވެސް މަސައްކަތުގެ ގާތްގަނޑަކަށް 50 ޕަސެންޓް އޮތީ ނިމިފަ އެވެ.
ދާންދޫގައި އަލަށް ހިއްކި 25 ހެކްޓަރުގެ ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފައި ވަނީ މިރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބިން ކައުންސިލާ ހަވާލުކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ މި މަޝްރޫއު އެ ކުންފުންޏަށް ވަރަށް ހާއްސަ ކަމަށެވެ.
"މި މަޝްރޫއު އެމްޓީސީސީއަށް ހާއްސަވާ ސަބަބަކީ އެމްޓީސީސީން އަލަށް ގެނައި ބޮޑު ޖައްރާފުން ފުރަތަމަ ކުރިއަށް ގެންގޮސް ކާމިޔާބުކަމާ އެކު ނިންމާލެވުނު ފުރަތަމަ ޕްރޮޖެކްޓަކީ މިއީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާ އެކު އެމްޓީސީސީ ވަނީ މި ސަރަހައްދުގެ އެންމެ ކުރީ ސަފުގައި ހިމެނިފައިވާ ކުންފުންޏަށް ވެފައި ކަމަށެވެ.
ބިން ހިއްކަނީ އެމްޓީސީސީއަށް އަލަށް ގެނައި "ބޮޑު ޖައްރާފު"ގެ ނަން ދީފައިވާ ޑްރެޖަރުންނެވެ. މި ޑްރެޖަރުން ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގޭނެ އެވެ. މިއީ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ.
އެމްޓީސީސީން ގެންގުޅޭ އެންމެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުން ކަނޑުގެ 50 މީޓަރުގެ އަޑިން ވެލި ނެގޭނެ އެވެ. ދިގުމިން 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ އެ ބޯޓުން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ.
ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާފައިވެ އެވެ.
އަދި 375 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންގެ އިތުރުން 345 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ގާއިމްކޮށްފައިވެ އެވެ.
މި ޕްރޮޖެކްޓަށް 185 މިލިއަން ރުފިޔާ އަށް ނިންމާފައިވާ މި ބިން، ދާންދޫގެ މިހާރުގެ ބިމާ ބްރިޖަކުން ގުޅާލާނެ އެވެ.