ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ދައުލަތުން ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީނާ ގުޅޭ ގޮތުން ދައުލަތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ބޭނުން ކޮށްގެން އުފައްދާފައިވާ ސްކްރީން ޕްލޭއެއް ކަމަށެވެ.

ބޮޑެތި ހިޔާނާތްތަކެއް ވެފައިވާ އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި އޭގެ ބަދަލުގައި ޑީލްތައް ހަދައިގެން އަދީބާއި ޒިޔަތަށް އިނާޔަތް ދީގެން އަދި "ގޭގައި ބާއްވައި ކާން ދީގެން" ދައުލަތުން ޔާމީނާ ދެކޮޅަށް ހެކިތައް އުފައްދަމުން އަންނަ ކަމަށް ވެސް ޝިޔާޒް ތުހުމަތު ކުރެއްވި އެވެ.

އެގޮތަށް ހިނގާ މައްސަލައެއްގެ ތެރެއަށް އިތުރަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަށް ދަތިކުރަމުން އަންނަ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ.

ކޯޓުގައި މައްސަލައެއް ހިނގަމުން އަންނަ އިރު އެ މައްސަލައެއް ބަލަމުން އަންނަ ފަނޑިޔާރުންނަށް އެކި ތުހުމަތު ކުރުމާއި އެ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި އެކި ކަހަލަ ގޯނާތައް ކޮށްގެން ސަރުކާރުން މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވެސް ޝިޔާޒް ތުހުމަތު ކުރެއްވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މައްސަލައެއް ބަލާފާނެ ކަމުގެ ބިރު ދެއްކުން މިއީ ވެސް ހަމަ ނުފޫޒު ފޯރުވުމުގެ އަމަލެއް، ވަރަށް ކަންބޮޑުވާ ކަމެއް. މިކަންތައްތަކުން ދައުލަތުން ދުރުހެލިވެ އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީނަށް ލިބޭނެ ގޮތް ހަދައި ދިނުން،" ޝިޔާޒް ވިދާޅުވި އެވެ.

ޝިޔާޒް މިހެން ވިދާޅުވީ ޔާމީންގެ މިނިވަންވި ހުކުމް ކުރެއްވި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދާތީ އެވެ.

ޖޭއެސްސީން ބަލާ ކަމަށް ބުނެފައިވަނީ މިދިޔަ އަހަރު ޔާމީން މިނިވަންކުރި ދުވަހު، ޔާމީނާ ގުޅުން އޮތް ކަމަށް ބުނާ ފަރާތަކުން ފޮނުވި މެންދުރު ކެއުމަކާ މަހާޒް ހަވާލުވެވަޑައިގަތް ކަމަށް ބުނެ އެވެ. ނަމަވެސް މަހާޒް ވަނީ އެއީ މީހަކު ފޮނުވި ކެއުމެއް ނޫން ކަމަށާއި އަމިއްލައަށް ފައިސާ ދީގެން ބައްލަވައިގަތް އެއްޗެހި ކަމަށް ވިދާޅުވެ ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން ވަކި އެއްޗެއް ޔާމީންގެ ވަކީލުންގެ ޓީމުން ނުބުންޏަސް އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަލީ ޝާހު ވިދާޅުވީ މާޒީގައި ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތުން އެފަދަ މައްސަލަތައް ހިނގައިދާނެ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޔާމީންގެ ހުކުމާ ދިމާކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަން ފެށުމާއި ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމި މައްސަލަ ޝާހު ފާހަގަކުރެއްވި އެވެ.

"ކޮންމެ އިންސާނަކަށް ވެސް އެބަ އެނގޭ ރައީސް ޔާމިންގެ މައްސަލަތަކުގައި ޖޭއެސްސީން ނުފޫޒު ފޯރުވާކަން. ހުރިހާ ފަރާތްތަކުން ވެސް ގަބޫލު ކުރޭ ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލެވިފައި އޮތް ގޮތުން އެއީ މިނިވަން ތަނެއް ނޫން ކަން،" ޝާހު ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔާމީންގެ ވަކީލުންގެ ތެރެއިން އެންމެ އިސްކޮށް ހުންނަވާ، އެ މަނިކުފާނު ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ސިޔާސީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީއަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ހަލާކުކޮށްލައި އެންމެ ބޮޑަށް ނުފޫޒު ފޯރުވި ޕާޓީ އެވެ. އަދުލު އިންސާފުގެ ނިޒާމް ރިފޯމް ކުރުމުގެ އެއްވެސް ނިޔަތެއް އަދި އެކަން ކުރާނެ ގޮތެއް ވެސް އެ ޕާޓީގެ މެންބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވަނީ ފުލުހުންގެ ތެރޭގެ ކަންކަން ގޯހުން ގޯހަށް ދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.