ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަތުލު އާއްމެއް ހިންގަވަން އުޅުއްވި ކަމުގެ އިލްޒާމުން އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން، މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް)ގެ މައްޗަށް އަބުރުގެ ދައުވާކުރައްވަން ނިންމަވައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ލިޓިޖެންޓްސްގެ ބަޔާނުގައި ބުނީ މިދިޔަ ހުކުރުދުވަހު ޝަރީފް ކުރެއްވި ޓުވީޓަކުން ނަޝީދުގެ އަބުރާ ބެހި އަބުރަށް ގެއްލުން ދީފައިވާ ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އަބުރަށް އަރައިގަތުމުގެ އަމަލެއް ޝަރީފް ހިންގެވިކަން ކަނޑައަޅައިދޭން ކަމަށް ބަޔާނުގައި ބުންޏެވެ.

"މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި އެދިފައި ވަނީ އެމަނިކުފާނަށް ނިސްބަތްކޮށް އިބްރާހިމް ޝަރީފް 25 ނޮވެމްބަރު 2022 1:37 ގައި ޕަބްލިޝްކޮށްފައިވާ ޓުވީޓުގައި ލިއެފައިވާ ދޮގު ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10،000،000 ރުފިޔާ ނަގައިދިނުމަށެވެ،" ބަޔާނުގައިވެ އެވެ.

ޝަރީފްގެ ޓުވީޓުގައި ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އެ އަނިޔާވެރި އަމަލު ހުއްޓުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި ކަމަށް ޓްވީޓްގައިވެ އެވެ.

"ޝަރީފް އިތުރަށް ބުނެފައި ވަނި ނަޝީދު 50 މީހުން މަރަން އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށެވެ. އަދި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޝަރީފް ބުނެފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

"މި ހުރިހާ އިލްޒާމްތަކެއް މުހައްމަދު ނަޝީދު ދޮގުކުރައްވަ އެވެ."

ނަޝީދަށް ބޮޑު ތުހުމަތެއް ޝަރީފް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ދެ ފެކްޝަނުން އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުން ދަނިކޮށެވެ. މަޖިލީސް ތަޅުމާއި ވަޓްސްއެޕް ގްރޫޕްތަކާއި ސޯޝަލްމީޑިއާގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔައި، އިލްޒާމްތައް ދަނީ އަޅުވަމުންނެވެ.