ހައި ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަގާމުގައި ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައިފި އެވެ.
ޖޭއެސްސީން ބުނި ގޮތުގައި މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެ އެކަމުގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.
ޖޭއެސްސީން ބުނީ މިއީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއް ކަމަށެވެ. ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި، ހައި ކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާ އެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
"ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު އަމަލެއް" ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި އޮންނަ ކަމަމާއި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަންވާނީ، ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭ ފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަކަން ފާހަގަކޮށް މިއީ އެ ކަންކަމާ ހިލާފް އަމަލެއް ކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެހެންވެ ފަނޑިޔާރު ހަމީދާއި ރައޫފް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ މިރޭގެ ޖަލްސާގައި ނިންމީ އެވެ.
މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމުގެ ކުރިން މި ހަފްތާގައި ވަނީ ހައި ކޯޓުން ވަނީ ފަނޑިޔާރު އަލީ ސަމީރު ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އަކީ ވެސް ސަރުކާރުން ފްލެޓް ލިބިވަޑައިގަތް ފަނޑިޔާރެކެވެ. އިސްތިއުފާ ދެއްވި އިރު ޖޭއެސްސީން އޮތީ މައްސަލާގައި ގޮތެއް ނިންމާ ހިސާބުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ވެސް މީގެ ކުރިން ފަނޑިޔާރު ރައޫފްގެ ނަން ޖޭއެސްސީ އަށް ފޮނުއްވައިފަ އެވެ. ނަމަވެސް ކުރީގެ ސަރުކާރުން ގާކޮށިން ދޫކުރި ފްލެޓް ހޯއްދެވުމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި މަންފާ ހޯއްދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ލަފާ ދިނެވެ. ފަނޑިޔާރު ހަމީދާއި ސަމީރުގެ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މި ބޭފުޅުން މަގާމުން ވަކިކުރުމުން ދެން ހައި ކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން ޝަފީއު އެވެ.