ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ބަންދުކޮށް، ޕްލޭނިން މިނިސްޓްރީގެ ދަށަށް ގެންގޮސް ހުއްޓާ، ތަން ހަލާކުކޮށް ވައްކަން ކުރަމުން ދާތީ، އެ އިމާރާތާއި މުދާ ރައްކާތެރިކޮށްދޭން، ތަނުގެ ވެރިފަރާތާއި އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމާ އެކު ކަހަލަ ގޮތަކަށް ލޮނުޒިޔާރަތްކޮޅުން، ކުރީގެ ސަރުކާރުން ނިއުޕޯޓް ރެސްޓޯރަންޓްގެ ވެރިފަރާތް ކަމަށްވާ ސްޓްރާޑާއަށް، ދިގު މުއްދަތަކަށް ދިން ބިމުގެ ކުލީގެ މައްސަލައެއްގައި، މި ސަރުކާރުން ތަން އަތުލައި، ބަންދުކުރީ މާޗު މަހު އެވެ.

ސްޓްރާޑާއިން އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށައަޅައިފަ އެވެ.

ސްޓްރާޑާ އިން ބުނި ގޮތުގައި އެތަނުގައި އެ ކުންފުނީގެ އަގުހުރި އެތައް މުދަލެއް ހުންނާނެ އެވެ. އެކަމަކު ޕްލޭނިން މިނިސްޓްރީން ތަން އަތުލާފައި ލީ ތަޅު ހަލާކުކޮށްފައި ވަނީ، ކުންފުނިން ތުހުމަތުކުރާ ގޮތުގައި، އެ ތަކެތި ވަގަށް ނަގަން ނުވަތަ ގެއްލުން ދޭށެވެ.

ތަޅު ހަލާކުކޮށްފައި ހުރިކަން ތަނުގެ މުވައްފަޒަކަށް އެނގުމުން އެކަން މި މަހު 21 ގައި އޭނާ ފުލުހުންނަށް ހުށައެޅި ކަމަށް، 22 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ސްޓްރާޑާއިން ބުނެފައިވެ އެވެ.

ސިޓީގައި ވާ ގޮތުން ފުލުހުން އެ ދުވަހު ގޮސް ތަނުގެ ފޮޓޯ ވެސް ނެގި އެވެ. އަދި ރިޕޯޓްކުރި މުވައްޒަފު ފުލުސް އޮފީހަށް ގެންގޮސް އޭނާގެ މައުލޫމާތު ވެސް ފުލުހުން ނަގާފައިވާ ކަމަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުންޏެވެ.

އެކަމަކު 22 ވަނަ ދުވަހުގެ ފަތިހު ވެސް "ދަބަހެއް އަޅުވައިގެން ހުރި މީހަކު/ބަޔަކު ވަދެ ނުކުމެގެން ދާ ތަން ފެނިގެން އާންމު ފަރާތަކުން" ފުލުހުންނަށް ރިޕޯޓްކުރިކަމުގެ މައުލޫމާތު ފުލުހުން އެ މުވައްޒަފަށް ދިން ކަމަށް ސިޓީގައިވެ އެވެ.

ފޮލިސް ކޮމިޝަނަރުގެ ކިބައިން ސްޓްރާޑާ އިން އެދުނީ ކަމާ ނުބެހޭ މީހުން ރެސްޓޯރެންޓް ތެރެއަށް ވަދެ، ތަނުގެ އެއްޗިއްސަށް ގެއްލުންދީ، ވަގަށް ގެންދިއުން ހުއްޓުވައިދޭން ޕްލޭނިން މިނިސްޓްރީއަށް އަންގައިގެން ފުލުހުންނަށް އެޅެން ހުރި ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ.

ނިއުޕޯޓް ރެސްޓޯރެންޓްތަކަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ބޮޑު ހިއްސާއެއް އޮތް، އަދި އޭނާ ހިންގަވަމުން ގެންދެވި ތަންތަނެވެ. ނަމަވެސް މިހާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލްހަކީމެވެ. ޕޮލިހުންނަށް ސިޓީ ފޮނުއްވީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މަލަކާ އެވެ.

ސަރުކާރުގެ އަމާޒަކީ ވިޔަފާރި ފުނޑާލުން

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން، ނިއުޕޯޓްގެ ދިފާއުގައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތަން ނުބަލަހައްޓައި، ވީރާނާވާން ދޫކޮށްލާފައި ވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅެއްގެ ވިޔަފާރިއަކަށް ވާތީ "އެ ވިޔަފާރި ފުނޑާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް" ވާތީ ކަމަށެވެ.

"އެއީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގައި މި ކޯލިޝަނަށް ފާހަގަވަމުން އަންނަ ކަމަށް" ވެސް، ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ދެ ޕާޓީން ސަރުކާރަށް ގޮވާލީ ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ނިއުޕޯޓް ވިއު ރެސްޓޯރެންޓްގެ އިމާރާތާއި ތަނުގައި ހުރި މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުން ބޮޑު ބިމެއް ސްޓްރާޑާއަށް ދިނީ، ސިނަމާލެ ބްރިޖް ބަލަން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ހަދަން ތިން އަހަރު ދުވަހަށެވެ. އޭރުގެ ހައުސިން މިނިސްޓްރީއާ އެކު ފުރަތަމަ އެގްރިމެންޓް ހެދީ ތިން އަހަރަށެވެ. ފަހުން އަށް އަހަރަށް ބަދަލުކުރި އެވެ.

މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.