ކޮވިޑް-19 ފެތުރޭއިރު އާއްމުންނަށް ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ "ނިއު ނޯމަލް" ގެ އުސޫލުތަކަށް ގިނަ ތަންތަނުން މިހާރު އަމަލުކުރަމުން އަންނަ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާއްމު ތަންތަނާއި އޮފީސްތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓުކުރުމުގެ ހަތަރު ވަނަ ބުރު ފަށައި، އިއްޔެ މާލެ ސަރަހައްދުން 233 ތަނެއް އިންސްޕެކްޓުކުރިއިރު އެންމެ ފިހާރައެއް ފިޔަވައި އެހެން ހުރިހާ ތަނެއް ވެސް ހުރީ ގަވައިދާ އެއްގޮތަށް ކަމަށެވެ.
ހިދުމަތްދޭ ތަންތަން ބެލުމަށް މީގެ ކުރިން ހިންގި އިންސްޕެކްޝަންތަކުގައި، އުސޫލާ ހިލާފުވެފައި ވާތީ ވަރަށް ގިނަ ތަންތަން ބަންދުކޮށްފައި ވެ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލަށް އެ ތަންތަން ފެއްތުމަށްފަހު އަލުން އިންސްޕެކްޓުކުރަން އެދެވޭނެ އެވެ.
"މިއީ ކުރީގައި އަޅުގަނޑުމެން އިންސްޕެކްޓުކުރަމުން ގެންދިޔައިރާ އަޅާ ބަލާއިރު، ވަރަށް ބޮޑަށް މިހާރު މި ވަނީ ކަންތައްތައް ރަނގަޅުކުރެވިފައި ކަމަށް ފާހަގަކުރެވެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް އާއްމު ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަންތައް ކުރިއަށްގެންދާނެ އެވެ. އަމާޒަކީ މި ހަފުތާގެ ތެރޭގައި އެ ހުރިހާ ތަނެއް ބަލައި ނިންމުން ކަމަށާއި އެކަމަށްޓަކައި އަތޮޅުތެރޭގައި ވެސް މީހުން ތަމްރީނުކޮށް އިއްޔެ މަސައްކަތް ފަށާފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ މީހުން ރާއްޖެ އިން ފެންނަ މިންވަރަށް ބަލައި، ދިން ލުޔާ އެކު، އާންމު ޚިދުމަތްތަކަށް ތަންތަން ހުޅުވާލިއިރު، އެއްފަހަރާ ފިހާރަތަކަށް ކަސްޓަމަރުން ވައްދަން ޖެހެނީ ވަކި އަދަދަކަށެވެ. ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ވެސް ބޮނޑިވެގެން ތިބެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހަނިކުރުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. މީގެ އިތުރުން މާސްކް އަޅައިގެން ތިބުމާއި އަތް ސެނިޓައިޒް ކުރެވޭނެ ގޮތް ހަމަޖައްސަން ވެސް ޖެހެ އެވެ. ރާއްޖެއިން މިހާތަނަށް 9،770 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލީގައި 34 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން 8،390 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ކޮވިޑަށް ފަރުވާ ދެމުން އަންނަނީ 1،346 މީހުންނަށެވެ.