ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅަށް ލުއި ދިން ފަހުން ރެކޯޑް އަދަދަކަށް ދިވެހިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކެކެވެ.

ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން ވެސް މިހާ ގިނަ އަދަދަކަށް ދިވެހިން ކޮވިޑަށް ޕޮޒިޓިވްއެއް ނުވެ އެވެ.

ލޮކްޑައުން އަށް ލުއި ދިން ފަހުން އެންމެ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް މީހުން ޕޮޒިޓިވްވީ މި މަހުގެ 25 ގަ އެވެ. އެ ދުވަހު 77 މީހަކަށް އަލަށް ކޮވިޑް ޖެހުނުއިރު، ދިވެހިންގެ އަދަދަކީ 56 އެވެ. "ނިއު ނޯމަލް" ގެ މި ދުވަސްވަރު މިއަދާ ހަމައަށް އެންމެ ގިނައިން ދިވެހިން ޕޮޒިޓިވްވާ ދުވަސްވަރު ވެސް އަދަދު އުޅެނީ 40-65 އާ ދެމެދު އެވެ. ދިވެހިންގެ ތެރޭގައި ކޮވިޑް ފެތުރުން އިތުރުވަމުން ދާއިރު މިހާރު ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނަށް ވުރެ ދިވެހިންނަށް އެ ބަލި ޖެހޭ ވަރު ގިނަވެފަ އެވެ. މީގެ ކުރިން ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް ޖެހުނީ ބަންގްލަދޭޝްގެ މީހުންނަށެވެ.

އެޗްޕީއޭ އިން މިރޭ ބުނިގޮތުގައި، ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 3،506 އެވެ. ފަރުވާގައި ތިބީ 929 މީހެކެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 2،547 މީހެކެވެ.