ޒަވީ ހެނާންޑޭޒަކީ 48 އަހަރު ފަހުން ނެދަލެންޑްސްގެ ގައުމީ ކޯޗުކަމާ ހަވާލުވި ގައުމުން ބޭރުގެ ފުރަތަމަ ކޯޗެވެ. މީގެ ކުރިން އެ މަގާމު ފުރި ގައުމުން ބޭރުގެ ކޯޗަކީ 1978 ގެ ވޯލްޑް ކަޕް ފައިނަލަށް އެ ގައުމު ގެންގޮސްދިން ކޯޗު އޮސްޓްރިއާގެ އާންސްޓް ހެޕެލް އެވެ. 

"ޑަޗު ފުޓްބޯޅަ" އަކީ މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދި ގޭމް ސްޓައިލެކެވެ. ގޯލްކީޕަރުގެ މަގާމުން ފެށިގެން ސެންޓަ ސްޓްރައިކަރުގެ މަގާމާ ހަމައަށް، މުޅި ދަނޑުގައި ބޯޅަ ކުޅޭ "ޓޯޓަލް ފުޓްބޯޅަ" ދުނިޔެއަށް މަޝްހޫރު ކުރީ ނެދަލެންޑްސްއިންނެވެ. 

ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ކުޅުނު ގޭމަށް، އެންމެންގެ ލޯބި ޖެހުނެވެ. ކޮންމެ ބަޔަކު ވެސް ދެން އަތްފުނާއަޅަން ފެށީ ނެދަލެންޑްސްގެ ކޯޗުން ހޯދުމަށެވެ. ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ ބައްރުގެ ގައުމުތަކުން ނެދަލެންޑްސްގެ ކޯޗުންނަށް ބޮޑެތި މުސާރަތަކެއް ދީ އެ ގައުމުތަކުގެ ފުޓްބޯޅައިގެ ވަޒީފާތަށް ދިނެވެ. 

އެކަމަކު، މިއަދު ނެދަލެންޑްސް އަށް އެ ގައުމުގެ ރަށްވެހިންގެ ތެރެއިން، ގައުމީ ޓީމު ހަވާލުކުރަން "ކަމުދާ" ކޯޗެއް ނުލިބުނެވެ. މިދިޔަ މަހު ނިންމާލި ވޯލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބާ އެކު، އޭރު މަގާމުގައި ހުރި ރޮނަލްޑް ކޫމަން މަގާމު ދޫކޮށްލުމުން، ޑަޗް އެފްއޭ {ކޭއެންވީބީ) އިން ޝޯޓްލިސްޓް ކުރި ކޯޗުންގެ ލިސްޓްގެ ގަދަ ތިނެއްގައި އޮތް، ދެ ކޯޗުންނަކީ ގައުމުން ބޭރު ކޯޗުންނެވެ. 

އެ ލިސްޓްގެ އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކުރުމަށް ފަހު މަގާމު ދޫކޮށްލި، މަޝްހޫރު ޕެޕް ގާޑިއޯލާ އެވެ. ދެވަނައަކީ ލިވަޕޫލްގެ ކުރީގެ ކޯޗު އާނެ ސްލޮޓެވެ. ތިންވަނަ އަކީ ޒަވީ އެވެ. 

އޭނާއަކީ ތިންވަނަ ޗޮއިސްއަށް ވިޔަސް ޒަވީގެ މައްސަލައެއް ނެތެވެ. "ފުޓްބޯޅައިގެ ޔުނިވަސިޓީއެއް" ކަމަށް އޭނާ ސިފަކުރާ ނެދަލެންޑްސްގެ ގައުމީ ކޯޗުގެ މަގާމު، ކުރިއަށް އޮތް ހަތަރު އަހަރުވަންދެން ފުރާނީ އޭނާ އެވެ. 

ނެދަލެންޑްސްގެ ޒަމާންވީ ފުޓްބޯޅަ ފިލޯސަފީ ދިރުވާނެ ކޯޗަކު އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ނުލިބުނީ އެވެ.

އެ ފިލޯސަފީ އިމްޕޯޓްކުރަން ޒަވީއާ ހަވާލު ކުރީ މަގުބޫލު ސަބަބުތަކެއް ހުރުމުން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. 

ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް، އަދި ދުނިޔޭގެ ފުޓްބޯޅައިގެ ވިސްނުން ބަދަލު ކުރި މޭސްތިރިޔާ، މަޝްހޫރު ޔޯހާން ކްރައިފް އެ މުޑުވަށް އިންދައި ގޮވާން ކުރީ ޒަވީ ކުޅުނު ބާސެލޯނާގެ ޔޫތު އެކަޑަމީގަ އެވެ. ފަހުން ބާސެލޯނާގެ ސީނިއާ ޓީމުގައި، އެ ސްޓައިލް ފުރިހަމަ އަށް ފައްކާކުރި އިރު ޒަވީއަކީ މުހިންމު ނަމެކެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި، ޒަވީއާ ނެދަލެންޑްސްގެ ކޯޗުކަން ހަވާލު ކުރީ އެ ސްޓައިލްގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާއަކީ އޭނާކަމަށް ވުމުންނެވެ. އޭނާއަކީ އެ ސްޓައިލްގައި ބާސެލޯނާގެ އޭރުގެ ހިތެވެ. އޭނާ އަށް އެ ސްޓައިލް ދިރުވައި ކާމިޔާބާ ހަމައަށް ގެންދެވިދާނެކަމަށް ކޭންވީބީން ގަބޫލު ކުރާތީކަމަށް ތަޖުރިބާކާރުން ބުނެ އެވެ

ނެދަލެންޑްސްގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް އޭނާ ތައާރަފު ކުރުމަށް ބޭއްވި، ޕްރެސް ކޮންފަރެންސްގައި ޒަވީ ބުނީ ނެދަލޭންޑްސް ފުޓްބޯޅަ ދިރިވުމަކީ އޭނާ އަށް އޮތް އެންމެ މުހިންމު ޒިންމާ ކަމަށެވެ. އެކަންކުރުމުގައި އޭނާ އިސްކަން ދޭނީ ކްރައިފް ފިލޯސަފީން ދަސްކުރި ފިލަވާލުތަކުން ކަމަށް، ބާސެލޯނާގެ ކުރީގެ ކޯޗު ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ މެޗު ޑޮމިނޭޓްކުރަން. ބޯޅައާއެކު ލީޑް ކުރުމަށް. އަދި އެއާއެކު އަހަރެމެންގެ ލަނޑުދަނޑިއަކީ ޖޯޝާއި ކާމިޔާބަށް ފެންބޮވައިގެންފައިވާ އަޒުމް ހުރި ޓީމެއް ދުނިޔެއަށް ދައްކާލުން،" ،" ޒަވީ ބުންޏެވެ.