ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި މާދަމާ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، މީގެ ދެ އަހަރު ދެ ސެމީ ފައިނަލެއްގައި ރާއްޖެ އަތުން މޮޅުވެފައިވާތީ އަދިވެސް އެ ހިތްވަރު އެބަހުރި ކަމަށް ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
ނޭޕާލުން ރާއްޖެ އަތުން މޮޅުވީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލުން 4-1 އިންނެވެ. އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމު އަތުން ފަހު ވަގުތު ނޭޕާލް މޮޅުވީ 4-3 އިންނެވެ. ކޯޗު ބުނީ ސާފުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށް ތާރީހުން ޖާގަ ހޯދަން ބޭނުންވާ ކަމަށެވެ.
"އަހަރެމެން ދެ މެޗުން ރާއްޖެ ބަލިކޮށްފިން. އޭރު ތިބި ގިނަ ކުޅުންތެރިން މިހާރު ވެސް މި ޓީމުގައި އެބަތިބި. އެ ދެ މެޗުގައި ނެރުނު ހިތްވަރު އަދިވެސް އަހަރެމެންނަށް ނެރެވޭނެ. އަހަރެމެންނަށް އަދި ސާފްގެ ފައިނަލަށް އަލަށް ވެސް ނުދެވޭ މިއީ އެކަން ކުރާ ފަހަރަށް ހަދަން ބޭނުން،" މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލްގެ ކޯޗު ގޯޕާލް މަހާރަޖަން ބުންޏެވެ.
އޭނާ ބުނީ އެކަމަކު އެ ދެ މެޗަށް ބަލައިގެން މާ އުއްމީދުތައް މަތިކުރުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އަހަރެމެންގެ ކެޕްޓަން ބުނިހެން އަހަރެމެން މާ އުއްމީދުތައް މަތިކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން. އަހަރެމެން ގަބޫލުކުރަން ޖެހޭނެ މި ކުރިމަތިލަނީ ވަރަށް އުނދަގޫ ޓީމަކާކަން،" އޭނާ ބުންޏެވެ.
ނޭޕާލުން މިހާރު ހޯދަމުން އަންނަ ކާމިޔާބީ އަކީ މީގެ ފަސް އަހަރު ކުރިން އެ ޓީމުން ފެށި މަސައްކަތުގެ ނަތީޖާ އެކެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރުތަކުގައި 19 އަހަރުން ދަށުގެ ދެ ސާފް ޗެމްޕިއަންޝިޕާއި 2016 ވަނަ އަހަރުގެ ބަންގުބަންދު ގޯލްޑް ކަޕާއި ސައުތު އޭޝިއަން ގޭމްސް ފުޓްބޯޅަ އިވެންޓް ކާމިޔާބު ކޮށްފަ އެވެ.
މި ފަހަރުގެ ސާފްގައި އެ ދެ މުބާރާތުގައި ކުޅެފައިތިބި ކުޅުންތެރިން ތިބުމަކީ ގޯޕާލް މަހާރަޖަން އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަދި މި މުބާރާތުގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން އެ ޓީމުގައި ތިބުމަކީ އެންމެ ބޮޑު އެޑްވާންޓޭޖް ކަމަށް އޭނާ ދެކެ އެވެ.
"އަހަރެމެންގެ ފުޓްބޯޅައިގައި މީގެ ކުރިން ނުތިބޭ އެހާ ރަނގަޅު ކުޅުންތެރިން ބެންޗުގައި. ހަަމައެކަނި ގަދަ 11 ކުޅުންތެރިން ތިބެނީ. އެކަމަކު މިހާރު އެބަތިބި ރަނގަޅު ކުޅުންތެރިން ބެންޗުގައި ވެސް. މެޗުގެ 82 ވަނަ މިނިޓްގައި އަރައި ވެސް ނަތީޖާ ބަދަލުކޮށްލާނެ ކުޅުންތެރިން އެބަތިބި. މިއީ އެންމެ ބޮޑު ހިތްހަމަ ޖެހުން،" އޭނާ ބުންޏެވެ.
ނޭޕާލުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުގައި ވަނީ ހަތް ގޯލު ޖަހައިފަ އެވެ. މިއީ ޓީމަށް އޮތް ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ. ވަކި ކުޅުންތެރިއަކަށް ނޭޕާލުން ބަރޯސާނުވާނެ ކަމަށާއި ޓީމު ނުކުންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ރާއްޖެ ސެމީ ފައިނަލަށް އައީ މެޗަކުން މޮޅުނުވެ ލަނޑެއް ނުޖެހި، ލަންކާއާއާ ހުރިހާ ގޮތަކުން އެއްވަރުވެ ގުރު ދިމާވެގެންނެވެ.
ނޭޕާލުން ވަނީ ސާފްގައި ރާއްޖެއާ ދެކޮޅަށް ހަ މެޗު ކުޅެފަ އެވެ. އޭގެތެރެއިން ހަތަރު މެޗުން ބަލިވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ.