މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ޒުވާނުން ކުރި މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އާއި ކުރީގެ ހޯމް މިނިސްޓަރު ރަމޭޝް ލޭކަކު މިއަދު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ކަތަމަންޑޫ ވެލީ ފުލުހުންގެ ތަރުޖަމާނު އޮމް އަދިކާރީ އޭއެފްޕީއަށް ވިދާޅުވީ، "މިއަދު ހެނދުނު އެ ބޭފުޅުން ވަނީ ހައްޔަރުކޮށްފައި" ކަމަށާއި، "ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލައިގެ ކަންކަން ކުރިއަށްދާނެ" ކަމަށެވެ.

މި ދެ ބޭފުޅުން ހައްޔަރުކޮށްފައި މި ވަނީ، އޯލީގެ ސަރުކާރު ވައްޓާލި  އިންގިލާބަށްފަހު ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވި ބޮޑުވަޒީރު ބަލެންދުރަ ޝާހް އާއި އޭނާގެ ކެބިނެޓް ހުވާކުރިތާ އެއްދުވަސް ފަހުންނެވެ.

ސެޕްޓެމްބަރު 8 އަދި 9 ގައި ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ނުކުމެ ހިންގި ހަރަކާތްތަކުގައި މަދުވެގެން 77 މީހުން މަރުވި އެވެ. މި މުޒާހަރާތައް ފުރަތަމަ ފެށުނީ ސޯޝަލް މީޑިއާ ބޭނުންކުރުން ވަގުތީގޮތުން މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް، ގައުމުގެ އިގްތިސާދީ ދަތިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ޒަމާންވީ ނުރުހުން ހާމަކުރަން ފެށުމާ އެކު މުޅި ގައުމަށް މުޒާހަރާ ފުޅާވެ ބޮޑެތި ހަމަނުޖެހުންތައް ހިނގި އެވެ.

މުޒާހަރާތަކުގެ ފުރަތަމަ ދުވަހު ބާރުގެ ބޭނުންކުރުމުގެ ސަބަބުން، މަދުވެގެން 19 ޒުވާނުން މަރުވި އެވެ.

ޖެހިގެން އައި ދުވަހު މުޅި ގައުމަށް ހަމަނުޖެހުން ފެތުރިގެން ދިޔައިރު، ޕާލަމަންޓާއި ސަރުކާރުގެ އޮފީސްތަކުގައި ވަނީ ހުޅުޖަހައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރު ވެސް ވެއްޓުނެވެ.

މި ނުރައްކާތެރި ހާދިސާތައް ތަހުގީގު ކުރުމަށް ނޭޕާލް ސަރުކާރުން އެކުލަވާލި ރިޕޯޓުގައި، 74 އަހަރުގެ އޯލީ އާއި އެހެން ބައެއް އިސް އޮފިޝަލުންގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ލަފާދީފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ "ބަޑިޖެހުމަށް އަމުރުކުރިކަން ސާބިތު ނުވާ" ކަމަށެވެ. ނަމަވެސް "ބަޑިޖެހުން ހުއްޓުވުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ" ކަމަށާއި، "އެ ބޭފުޅުންގެ އިހުމާލުން ކުޑަކުދިންގެ ފުރާނަ ވެސް ގެއްލިފައިވާ" ކަމަށް ރިޕޯޓުގައިވެ އެވެ.

"ގާނޫނަށްވުރެ މަތީގައި އެކަކަށް ވެސް ނުހުރެވޭނެ... މިއީ އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފުމެއް ނޫން، މިއީ އިންސާފުގެ ފެށުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ގައުމު މި ދަނީ އާ މިސްރާބަކަށް،" މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި އަދި އަލަށް އައްޔަންކުރި ހޯމް މިނިސްޓަރު ސުދާން ގުރުންގް އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. -- އޭއެފްޕީ