ޖެންޒީންގެ މުޒާހަރާގައި ނޭޕާލްގެ ބޮޑުވަޒީރުކަމުން ދުރުކުރި ޝަރްމާ ކޭޕީ އޮލީ އޭނާގެ ދާއިރާއިން އިންތިހާބުގައި ތަފާތު ބޮޑުކޮށް ބަލިކޮށް، ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ބާލަންދްރަ ޝާހް ބޮޑުވަޒީރުކަމުގެ މަގާމާ ގާތަށް ޖެހިވަޑައިގެންފި އެވެ.
ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން ބުނީ އުމުރުން 35 އަހަރުގެ ޝާހު އަށް 68،348 ވޯޓު ލިބުނު އިރު 74 އަހަރުގެ އޮލީއަށް ލިބުނީ 18،734 ވޯޓު ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޒުވާނުންގެ މުޒާހަރާތަކާ އެކު ސަރުކާރު ވައްޓާލި ފަހުން ބޭއްވި ފުރަތަމަ އިންތިހާބުގައި ބުރާސްފަތި ދުވަހު ވޯޓުލާފައި ވާއިރު މިއީ ސިޔާސީ މީހުންގެ ތެރެއިން އާ ޖީލެއްގެ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ޒުވާނުން ނުކުތް ފަހަރެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ޝާހުގެ އާރްއެސްޕީ ޕާޓީ މިހާރު އޮތީ އާންމު އިންތިހާބު ކާމިޔާބުކުރުމުގެ މިސްރާބުގަ އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ނޭޕާލުގައި މައި ތިން ޕާޓީއަކުން ކޯލިޝަން ސަރުކާރުތައް ހިންގަމުން އަންނައިރު އިރު، އޭގެ ތެރެއިން ދެ ޕާޓީއަކީ ކޮމިއުނިސްޓް ޕާޓީތަކެވެ.
ޖެންޒީން އެ މީހުންގެ މުސްތަގުބަލު އަމިއްލައަށް ބައްޓަންކުރާނީތޯ ނުވަތަ އެތައް އަހަރެއް ވަންދެން ޑޮމިނޭޓް ކުރަމުން އައި ދުވަސްވީ ސިޔާސީ މީހުން އެގޮތުގައި ބައިތިއްބާނީތޯ ކަނޑައަޅާ އިންތިހާބެއްގެ ގޮތުގައި މި އިންތިހާބު އޮތީ މާނަކުރެވިފަ އެވެ.
އެ ގައުމުގެ ޒުވާނުންގެ ތެރެއިން މިފަހަރު 800،000 މީހުންނަށް އަލަށް ވޯޓު ލެވެ އެވެ.
ބާލެންގެ ނަމުން މަޝްހޫރުވެފައިވާ ޝާހަކީ ނޭޕާލްގެ ހިޕްހޮޕް ދުނިޔޭގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ. ނޭޕާލް ބަހުން ގުރުބާނީ ކަމަށްވާ "ބަލިދާން" ލަވަ އަކީ އޭނާގެ ލަވަތަކުގެ ތެރެއިން މަޝްހޫރު އަދި ޔޫޓިއުބްގައި އެތައް މިލިއަން ވިއުސް ލިބިފައިވާ ލަވައެކެވެ.
ވެރިކަން ވައްޓާލި މުޒާހަރާތަކުގައި ޝާހު ވާހަކަ ދެއްކެވި އިރު، އެއް ފަހަރަކު އޮލީ އަކީ ގައުމަށް ޣައްދާރުވި "ޓެރަރިސްޓެއް" ކަމަށް ސިފަ ކުރެއްވި އެވެ. މީޑިއާއާ ދުރު ޝާހް، ކެމްޕޭން ތެރޭ ފައިނޭންޝަލް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ އަކީ މުޅި ނޭޕާލްގެ ކެންޑިޑޭޓެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ނޭޕާލުގައި 1.2 މިލިއަން ވަޒީފާ އުފައްދައި، ބޮލަކަށް ޖެހޭ އާމްދަނީ ފަސް އަހަރު ތެރޭ 1،447 ޑޮލަރުން 3،000 ޑޮލަރަށް އިތުރުކޮށް، އެ ގައުމުގެ އިގުތިސާދު 100 ބިލިއަން ޑޮލަރަށް އިތުރުކޮށް، ރައްޔިތުންނަށް ސިއްހީ އިންޝުއަރެންސް ފަދަ ރައްކާތެރި ނިޒާމެއް ފޯރުކޮށްދިނުމަކީ ޝާހްގެ އާރްއެސްޕީ ޕާޓީގެ ވައުދެކެވެ.
ނޭޕާލުގެ ވެރިކަން ވެއްޓުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާ މަނާކުރުމާ އެކު ޒުވާނުން ނުކުމެ ފެށި މުޒާހަރާތަކުގަ އެވެ. ނޭޕާލްގެ ސިޔާސީ ނިޒާމާއި އެ ގައުމުގެ ސިޔާސީ މީހުންގެ ދަރިން ނުވަތަ "ނެޕޯ ބޭބީސް" އަށް މި މުޒާހަރާތަކުގައި ފާޑުކިޔުން އަމާޒުކުރުމާ އެކު ފޯރި ގަދަވެ މުޅި ގައުމަށް ފެތުރިގެން ދިޔަ އެވެ.
އެ މުޒާހަރާތަކުގައި 77 މީހުން މަރުވެފައިވާ އިރު، ބީބީސީގެ ތަހުގީގަކުން އެނގިފައިވާ ގޮތުގައި އެ ގައުމުގެ ފުލުހުންގެ ވެރިޔާ ވަނީ ހަތިޔާރު ނެތް އެތައް ހާސް ބަޔަކާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރު ބޭނުންކުރަން އޭރު އަމުރުކޮށްފަ އެވެ.