މުޅި ދުނިޔޭގެ ލޯބި ހޯއްދެވި ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަކީ "ލީޑަރެއް ނޫން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށް، އޭނާގެ ކުރީގެ ވަކީލްގެ ފޮތުގައި ލިއުމުން، ސައުތު އެފްރިކާ އިން ޓްރަމްޕް ދެކެ ރުޅިއަތުވެއްޖެ އެވެ.
ސައުތު އެފްރިކާގެ ވެރިކަން ކުރާ އޭއެންސީން ބުނީ ޓްރަމްޕަކީ "ބައިބައިކޮށް، ރުޅިވެރިކަން އުފައްދާ އަދި އެއްވެސް މީހަކަށް އިހުތިރާމް ނުކުރައްވާ" ބޭފުޅެއް ކަމަށެވެ.
ޓްރަމްޕްގެ ކުރީގެ ވަކީލް އަދި ސިއްރުވެރިޔާ މައިކަލް ކޯހެންގެ ފޮތް "ޑިސްލޯޔަލް: އަ މެމޮއާ" ގައި ލިއުނު ގޮތުގައި މަންޑޭލާއަކީ ލީޑަރެއް ނޫން ކަމަށް، ޓްރަމްޕް ވިދާޅުވި އެވެ.
އެކަމަކު ވައިޓް ހައުސިން ބުނީ ކޯހެންގެ ފޮތުގައި ހުރީ ހުސް ދޮގު ކަމަށެވެ.
ކޯހެން ލިއުނު ގޮތުގައި ކަޅު ނަސްލުގެ އެންމެންނާ މެދު ވެސް ޓްރަމްޕް ގެންގުޅުއްވަނީ ވަރަށް ދަށު ދަރަޖައިގެ ވިސްނުމެކެވެ. މިޔުޒިކް ފަންނާނުން ފެށިގެން ކަޅު ނަސްލުގެ ވެރިންނާ ދޭތެރޭގައި ވެސް ޓްރަމްޕްގެ ހިތް ނުސާފުކަމަށް، ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ކޯހެން ލިއުނެވެ.
އޭނާ ޖަލަށް ލީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ޓްރަމްޕް ސަލާމަތްކުރަން، ބަރަހަނާ ފިލްމުތަކުގެ ތަރިއަކަށް ފައިސާ ދިންކަން ސާބިތުވެގެންނެވެ. އެކަން އޭނާ ކުރީ އެ ފިލްމީ ތަރި އާއި ޓްރަމްޕާ ދެމެދު ހިނގި ޖިންސީ ގުޅުންތަކެއްގެ ވާހަކަ މީޑިއާގައި އޭނާ ދައްކައިފި ނަމަ، ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ފެނިގެންނެވެ.
އެކަމަކު އެއީ އިންތިހާބަށް ހޭދަކުރުމުގެ ގާނޫނާ ހިލާފު އަމަލެއްކަމަށް ސާބިތުވެ، ކޯހެން ޖަލަށް ލި އެވެ. ކޮރޯނާވައިރަސްއާ ގުޅިގެން އޭނާ ވަނީ ނިއު ޔޯކްގައި ހުންނަ ގެއަށް ބަދަލުކޮށް، ހުކުމުގެ ދެން އޮތް ބައި ގޭ ބަންދުގައި ހޭދަކުރެވޭ ގޮތް ހަދައިފަ އެވެ.
ކޯހެން ބުނި ގޮޮތުގައި އޭނާގެ މައްޗަށް ސާބިތުވި ހުރިހާ ކުށެއް، ޓްރަމްޕްގެ މައްޗަށް ވެސް ސާބިތުވާން ޖެހޭނެ އެވެ.
ޓްރަމްޕާ މެދު ހިތްހަމަނުޖެހިގެން އޭއެންސީން ނެރުނު ބަޔާނުގައި ބުނީ މިނިވަންކަމަށް ލޯބިކުރާ އެންމެން ވެސް ޓްރަމްޕްގެ މި މަލާމާތުން ހައިރާންވާނެ ކަމަށެވެ.
"މި ވާހަކަ މި އައީ ލީޑަރަކަށް ނުވާ ލީޑަރެއްގެ ފަރާތުންނެވެ،" އޭއެންސީގެ ބަޔާނުގައި ބުންޏެވެ.
ސައުތު އެފްރިކާގެ ކަޅު މީހުންގެ ހައްގުގައި 27 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވި އަދި އޭގެ ފަހުން މިނިވަންވެވަޑައިގެން 1991 އިން 1997 އަށް އޭއެންސީގެ ލީޑަރުކަމާއި ސައުތު އެފްރިކާގެ ރައީސްކަން ކުރެއްވި މަންޑޭލާއަކީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ސާބިތުކަން ބޮޑު ސިޔާސީ ލީޑަރެވެ.
އޭއެންސީ ބުނި ގޮތުގައި ޓްރަމްޕަކީ އެމެރިކާގެ ރައީސްގެ މަގާމު ފުރުއްވާ، އެންމެ ބައިބައިކުރުން ބޮޑު، ރުޅިވެރިކަން އުފައްދާ އަދި އިހުތިރާމެއް ނެތް ހަމައެކަނި ބޭފުޅާ އެވެ. އޭގެ ބަދަލުގައި މަންޑޭލާ އަކީ އެންމެން އެކުވެރިކޮށް، އިންސާފާއި ސުލްހަ ފަތުރާލައްވަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް، އޭއެންސީން ބުންޏެވެ.
މަންޑޭލާއަކީ ހަމަނުޖެހުމެއް ނެތި ސައުތު އެފްރިކާގެ ވެރިކަން، ބައި މަދު ދޮން މީހުންގެ އަތުން ކަޅު ނަސްލުގެ މީހުންގެ އަތްމައްޗަށް ބަދަލުކޮށް، ޑިމޮކްރެޓިކް ސަރުކާރެއް އުފެއްދެވި ބޭފުޅެކެވެ. އޭނާގެ އެ މަސައްކަތަށް 1993 ގައި ވަނީ ދުނިޔޭގެ ސުލްހައިގެ ނޯބެލް އިނާމު ވެސް ލިބިވަޑައިގެންފަ އެވެ. އޭނާއާ އެކު އެ އިނާމު، އޭރު ސައުތު އެފްރިކާގެ ދޮން ނަސްލުގެ ރައީސް އެފް ޑަބްލިޔު ޑި ކްލާކް ހިއްސާކުރެއްވި އެވެ.
މަންޑޭލާއަށް މަލާމަތްކުރެއްވުމުގެ އިތުރުން އެފްރިކާގެ ގައުމުތަކަށް ވެސް ޓްރަމްޕް މަލާމަތްކުރެއްވި ކަމަށް ބުނެ، ކޯހެންގެ ފޮތުގައި ލިއެފައިވެ އެވެ.