ޖޮހަނަސްބާގު (ޖުލައި 16) - ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހަގު ދަރިކަނބަލުން ޒިންދްޒީ މަންޑޭލާ މި ހަފުތާގައި އަވަހާރަވިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޒިންދްޒީ، 59، ގެ ދަރިކަލުން ޒޮންޑްވާ މެންޑޭލާ ވިދާޅުވެފައި ވަނީ އޭނާގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އަވަހާރަވީ އެ ބަލީގައި ކަން އަދި ސާފު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އާއިލާ އިން މިހާރު އިންތިޒާރު ކުރަނީ އޮޓޮޕްސީ ރިޕޯޓަށް ކަމަށެވެ. ޒިންދްޒީ ޖަނާޒާ އޮންނާނީ ހުކުރު ދުވަހު އެވެ. އަވަހާރަވިއިރު ޒިންދްޒީ ހުންނެވީ ސައުތު އެފްރިކާ އިން ޑެންމާކަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުގަ އެވެ.
ނެލްސަން މަންޑޭލާއެކޭ އެއްގޮތަށް ޒިންދްޒީ އަކީ ވެސް ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ފަރާތެވެ. އަދި އޭނާ އަކީ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ހަރާކާތްތެރި މެންބަރެކެވެ.
ސައުތު އެފްރިކާގެ ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ކުރެއްވި މަސައްކަތުގައި 27 އަހަރު ޖަލުގައި ހޭދަކުރެއްވި މަންޑޭލާ އަވަހާރަވީ އުމުރުފުޅުން 95 އަހަރުގައި، ޑިސެމްބަރު 2013 ގަ އެވެ.