މާލޭގައި ކުރިން ހިންގި ނީލަން ވިޔަފާރިތައް އަލުން ފެށުމަށް ހުޅުމާލެއިން ބިމެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން 100 ދުވަސް ތެރޭގައި ކުރަން ރޭވި ކަންކަން ހިމެނޭ، "ހަފްތާ 14" ގެ ދަށުން ހައުސިން މިނިސްޓްރީން ފުރިހަމަ ކުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ހައިދަރު ވިދާޅުވީ ނީލަން ފިހާރަތައް އަލުން ހުޅުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހުޅުމާލޭ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ލިބިފައިވާ ކަމަށެވެ.
އެތަނުގެ އިން ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.
"މި ވަގުތު ކުރިއަށް ދަނީ މި ބިމުގެ އިން ވަކިކުރުމާއި ފުރިހަމަކުރަންޖެހޭ އެހެން މަސައްކަތްތައް."
މާލޭގެ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި ހިންގި ނީލަން ފިހާރާގައި އެތައް ފަހަރަކު ރޯވެ ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބުނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އެތަނުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުންކުރުން އޮތީ އެއްކޮށް ހުއްޓިފަ އެވެ.
ނީލަން ފިހާރަ އެތަނުގައި ނުހިންގޭނެ ކަމަށް ނިންމެވީ އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެހެންވެ، އަލުން އެތަންތަން ހިންގުމަށް ބިން ހަމަޖައްސާފައި މިވަނީ ރައީސް އަންގަވައިގެންނެވެ.
ހަފްތާ 14 ގައި މިނިސްޓްރީން ކުރަން ހުރި ބައެއް ކަންކަން:.
- ރަށްރަށުގެ ފްލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި 3،333ރ. އަށް ކުޑަކޮށް، 20 އަހަރުން ދައްކަން ޖެހޭ ގޮތަށް ބަދަލުކުރުން. މިއީ 5،000ރ. ކުލީގެ ގޮތުގައި ނަގަމުން އައި ތަންތަން.
- ބޯހިޔާވަހިކަމާ ގުޅޭ ޓްރަސްޓް ފަންޑުގެ އޮނިގަނޑު އެކުލަވާލުން.
- ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ރަށްރަށުގައި ހިންގާ ސޯޝަލް ހައުސިން ސްކީމުތަކުން ހާއްސަ ކެޓަގަރީއެއް ކަނޑައެޅުން. އެމީހުންނަށް އެމީހުން ވަޒީފާ އަދާކުރާ ހިސާބަކާ ކައިރީގައި ހިންގާ މަޝްރޫއުތަކަށް ކުރިމަތިލެވޭނެ. އަދި މިއީ އެމީހުންނަށް މިލްކުވާ ގޮތަށް ދޭ ތަންތަން.
- މާލޭގައި ހުރި ވޯކްޝޮޕްތަކާއި ގުދަންތައް ސިނާއީ ސަރަހައްދަށް ބަދަލުކުރުމަަށް ސާވޭއެއް ކުރުމާއި ސިނާއީ ސަރަހައްދު ތަރައްގީކުރުމަށް ޕްލޭން އެކުލަވާލުން.
- ލޭންޑް ޔޫސް ޕްލޭންތައް އެކުލަވާލުމަށް ހާއްސަ ޕޯޓަލެއް ގާއިމުކުރުން. އެ ޕޯޓަލް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމާ ގުޅޭ އަޕްޑޭޓް ލިބޭނެ.
- ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުން. އޭގެ ފްރޭމްވޯކް ނިންމައި އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ފަންނީ އަދި ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.
- ބާޖަމާލުއްދީންގައި ބިމުން ބައެއްގައި އަންޑަގްރައުންޑް ޕާކިން ޒޯނަކާއި މައިޒާނެއް ހެދުމުގެ މަސައްކަތް ކުރުން.
- އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލެއް ޑްރާފްޓުކޮށް ވަނީ މަޖިލީހަށް ފޮނުވާފައި.
- ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށް އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ފޮނުވުން.
- ވިލިމާލޭގައި ފައިބަރު ދޯނިތަކުގެ މަސައްކަތް ކުރާ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މާލޭ އޭރިއާ އިން ތިލަފުށީގެ އެތެރެ ފަޅުން ހިއްކާފައިވާ ސަރަހައްދުން 30،000 އަކަފޫޓުގެ ބިން ވަނީ ކަނޑައަޅާފައި.
- ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަށް އެޗްޑީސީން ވަނީ ޗައިނާ ކުންފުންޏަކަށް ހަވާލުކޮށްފައި.